ވީހާވެސް ގިނަބަޔަކު ވޯޓުލުމުގެ ހައްގުގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު މީޑިއާ އާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފެންނަމުންދަނީ މިނިވަން މާހައުލެއްގައި ވަރަށް ހަމަޖެހިގެން ރައްޔިތުން ވޯޓުލަމުންދާ ތަން ކަމަށެވެ.

"ވީހާވެސް ގިނަ ބޭފުޅުން ނިކުމެ ވަޑައިގެން މިއަދުގެ މި ހަރަކާތުގައި ބައިވެރިވުމަށް އެދެން. މިއީ ވަރަށް ބޮޑު ހައްގެއް ދިވެހި ރައްޔިތުންނަށް ލިބޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލު ހޯލުގައި ބަހައްޓާފައިވާ ޅ.ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށެވެ. އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު އަށަކުން މިއަދު ހަވީރު 4:00 އަށެވެ.

މިހާތަނަސް މި އިންތިހާބުގައި 43،000 މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭފައި ހިމެނެނީ 26،000 ފިރިހެނުންނާއި 16،000 އަންހެނުންނެވެ. ވޯޓުލުން ބަންދުވާނީ މިއަދު ރާއްޖެ ގަޑިން ހަތަރެއް ޖަހާއިރު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.