އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދާ، ބުޝަން ކުމާރުގެ ކުރިއަށް އޮތް ފިލްމު 'ބުޖް: ދަ ޕްރައިޑް އޮފް އިންޑިއާ'ގެ ސެޓުގައި ބަތަލާ ޕަރިނީތީ ޗޯޕްރާ އަދި ސޮނާކްޝީ ސިންހާ މައްސަލަ ޖެހިގެން އުޅޭ ކަމަށް ޚަބަރުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާގޮތުން ދެ އެކްޓަރުންގެ ދެމެދު މައްސަލަ ޖެހުނީ ފިލްމުގެ އަންހެން ލީޑަކީ ކޮބައިކަން ނޭނގިގެންނެވެ. ފިލްމުގެ އަންހެން ލީޑަކީ އޭނާ ކަމަށް ސޮނާކްޝީ މީހުން ގާތުގައި ބުނަމުން އަންނަ ކަމަށާއި އެކަމާ ޕަރިނީތީ ހިތްހަމަނުޖެހިފައި ހުރި ކަމަށްވެ އެވެ. ފިލްމުގައި ދެމީހުންގެ ރޯލު ވެސް އެއްވަރު ކަމަށާއި ދެމީހުންގެ ރޯލު ވެސް އެއްވަރަކަށް މުހިންމު ކަމަށް ޕަރިނީތީ ގަބޫލުކުރާ އިރު، އޭނާ ވަނީ ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް ވެސް ސޮނާކްޝީގެ ޝަކުވާ ހުށަހަޅައިފަ އެވެ. އެ މައްސަލާގައި ޕަރިނީތީ އަދި ސޮނާކްޝީ އެކަކު އަނެކަކާ ވާހަކަ ނުދައްކާ ކަމަށްވެ އެވެ. އަބީޝެކް ދުދައްޔާ ލިޔެ ޑައިރެކްޓު ކުރާ އެ ފިލްމަކީ 1971 ވަނަ އަހަރު އިންޑިއާއާއި ޕާކިސްތާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމައިގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމުގައި އަޖޭ، ސޮނާކްޝީ އަދި ޕަރިނީތީގެ އިތުރުން ރާނާ ދަގުބަތީ ވެސް ފެނިގެން ދާނެ އެވެ. ޚަބަރުތައް ބުނާ ގޮތުން ފިލްމުގައި ދައްކުވައިދޭނީ ގުޖުރާތުގެ މަދަޕޫރަށް ނިސްބަތްވާ 300 އަންހެނުން، ހަނގުރާމައިގައި ދެއްކި ގަދަ ހިތްވަރެވެ. އިންޑިއާއަށް ހަނގުރާމައިގައި ލިބުނު ކާމިޔާބީގެ ފަހަތުގައި އެ 300 އަންހެނުންގެ ދައުރު ބޮޑެވެ. ބުޖްގައި އޮތް ހަމައެކަނި ރަންވޭ، ހަނގުރާމައިގައި މުޅިން ފުނޑުފުނޑުވި އެވެ.

ރަންވޭ އަލުން ބޭނުންކުރެވޭ ވަރަށް މަރާމާތު ކުރީ އެ 300 އަންހެނުން ކަމަށްވެ އެވެ. ސޮނާކްޝީ ފެނިގެންދާނީ ދަނޑުވެރިއެއްގެ ރޯލުންނެވެ. ސޮނާކްޝީ އަދާކުރާނީ ރަންވޭ މަރާމާތު ކުރުމަށް 299 އަންހެނުން އެއްބަސްކުރުވި އަންހެން މީހާގެ ރޯލެވެ. ޕަރިނީތީ ފެނިގެންދާނީ ޕާކިސްތާނުގެ ލާހޯރުގައި މަސައްކަތް ކުރާ އިންޑިއާ ޖާސޫސެއްގެ ރޯލުންނެވެ.