17 Oct 2011, 14:34
ކުޑަހުވަދޫ ސްޕޯޓްސް ކްލަބާއި ޔޫއެން ފްރެންޑްސްގެ މެޗުން މި އަހަރުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މިއަދު ފަށާނެ އެވެ. މިމެޗް ފެށުމަށް ހަމަޖެހިފައި ވަނީ 3:45ގައި ޓާފް އެއް ނަންބަރު ދަނޑުގަ އެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ 41 ޓީމް ވާދަކުރާ އިރު، މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ނޮކްއައުޓް އުސޫލުން ނެވެ. އަދި ދެ ވަނަ ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ފުރަތަމަ ބުރުގެ އެންމެ ގަދަ އަށް ޓީމުގެ މެދުގައި ކަމަށް އެފްއޭއެމް އިން މައުލޫމާތު ދެ އެވެ.
މުބާރަތުގެ ދެ ވަނަ ބުރުގައި ވާދަކުރާ އަށް ޓީމް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ އިރު، ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ސެމީ ފައިނަލަށް ދަތުރު ކުރާނެ އެވެ.
އެގޮތުން މުބާރާތުގެ ފުރަތަމަ ސެމީގައި ވާދާކުރާނީ ދެ ގުރޫޕްގެ އެއްވަނަ ހޯދާ ދެ ޓީމެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭއިރު، ބަލިވާ ޓީމަކަށް ޖެހޭނީ ތިން ވަނަ ސެމީގައި ވާދަކުރާށެވެ.
ތިން ވަނަ ޑިވިޝަނުގެ އެންމެ ގަދަ ދެ ޓީމަށް ދެ ވަނަ ޑިވިޝަނުން ޖާގަލިބޭއިރު، ހުސްވި އަހަރުގެ ޗެމްޕިއަނުންނަކީ ޖޭޖޭ ސްޕޯޓްސް ކްލަބެވެ.