06 Apr 2019, 09:45
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ ރިޔާސީ މިއަދު ކުރިއަށްދާ އިންތިހާބަށް ވުރެ އައުން ލަސްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިންތިހާބުގެ ވޯޓުލުން މިއަދު އަށެއް ޖެހި އިރު ވަނީ ފަށައިފަ އެވެ. ވޯޓު ފޮށި ބަންދުކުރާ ގަޑިއަކީ ހަތަރެއް ޖަހާއިރު އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ރޭ ވިދާޅުވީ ރިޔާސީ އިންތިހާބަށް ވުރެ މި އިންތިހާބުގެ ނަތީޖާ ލަސްވުން އެކަށީގެންވާ ކަމަށެވެ. އެއީ އެއް ފޮއްޓަކަށް އެތައް ދާއިރާތަކެއްގެ މީހުން ވޯޓުލާތީ ކަމަށް ޝަރީފު ވިދާޅުވި އެވެ.
"އަދި ވޯޓު ގުނުމާއި ވޯޓުގެ ނަތީޖާ އައުމުގައި ވެސް ލަސްވާނެ. އެއީ ސަބަބަކީ އެއް ވޯޓު ފޮއްޓަކަށް ލާ އެބަތިބި 50 ދާއިރާގެ މީހުން. އެއިން ކޮންމެ ދާއިރާއަކަށް ވަކި ނަތީޖާ ޝީޓެއް ތައްޔާރުކުރާނެ." އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ނަތީޖާ ލަސްވުމާ ބެހޭ ގޮތުން މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އެންމެ ފުރަތަމަ ނަތީޖާ އިއުލާނު ކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.
މިފަހަރުގެ އިންތިހާބުގައި 501 ފޮށިން 8700 އަށް ވުރެ ގިނަ ނަތީޖާ ޝީޓު އަންނާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"މިހުރިހާ ނަތީޖާ ޝީޓެއް އެއް ވަގުތެއްގައި އަޅުގަނޑުމެންނާ ހަމައަށް އަންނައިރު ވަގުތުނަގާނެ. ރިޔާސީ އިންތިހާބަށް ވުރެ ގިނަ ވަގުތު މިފަހަރު އެކަމަށް ހޭދަވެގެން ދާނެ." އަކްރަމް ވިދާޅުވި އެވެ.
ނަތީޖާ އަވަސް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ 60 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 501 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. ރާއްޖޭން ބޭރުގައި އަށް ވޯޓު ފޮށި އަދި ރާއްޖޭގައި 493 ފޮށި ބަހައްޓާފައިވެ އެވެ.
ވޯޓުލުމުގެ ހައްގުލިބިފައިވާ 264،442 މީހުން އެބަތިބި މަޖިލިސް އިންތިހާބުގައި 87 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރެވެ އެވެ.