އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައަށް ލިވަޕޫލް ޖެހިލި އިރު މުހައްމަދު ސަލާހު އެ ކުލަބުގެ ތާރީހުގައި ވެސް އެންމެ އަވަހަށް 50 ގޯލު ހަމަކުރި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފި އެވެ.

ސައުތަމްޓަންގެ ދަނޑުގައި ރޭ ކުޅުނު ފޯރި ގަދަ މެޗުން އެ ޓީމުގެ މައްޗަށް ލިވަޕޫލް ކުރި ހޯދީ 1-3 ގެ ނަތީޖާ އަކުންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު ލިވަޕޫލް އެއްވަނައިގައި އޮތީ 33 މެޗު ކުޅެ 82 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އެއް މެޗު މަދުން ކުޅެ 80 ޕޮއިންޓް ހޯދާފައިވާ އިރު ދެން ކުޅޭ މެޗަކުން ސިޓީ މޮޅުވެއްޖެ ނަމަ، އެ ޓީމު އެނބުރި އެއްވަނައަށް ޖެހިލާނެ އެވެ. ރޭގެ މެޗުން ބަލިވި ސައުތަމްޓޮން މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގަ އެވެ.

އެންމެ ފަހުން ކުޅުނު އަށް މެޗުގައި ވެސް ގޯލެއް ނުޖެހި ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވާ ސަލާހު ރޭގެ މެޗުގައި ވަނީ ހިތްގައިމު ގޯލެއް ޖަހައި ފާޑު ކިއުންތެރިންގެ އަނގަތައް ބަންދު ކޮށްލާފަ އެވެ. އޭނަ ރޭގައި ޖެހި ގޯލަކީ ލިވަޕޫލްގެ ތާރީހުގައި ވެސް ލިޔެވިގެންދާނެ މުހިއްމު ގޯލެކެވެ. ސަބަބަކީ ސަލާހު ރޭގައި ޖެހި ގޯލާ އެކު އޭނަ ވެގެން ގޮސްފައި ވަނީ އެ ކުލަބުގެ ތާރީޙުގައި ވެސް އެންމެ އަވަހަށް 50 ގޯލު ހަމަކުރި ކުޅުންތެރިޔާއަށެވެ.

މި ރެކޯޑް މީގެ ކުރިން އޮތީ އެ ކުލަބުގައި މީގެ އަހަރުތަކެއް ކުރިން މޮޅު ކުޅުމެއް ދެއްކި ސްޕެއިންގެ ފޯވާޑް ފެނާންޑޯ ޓޮރެސް އަތުގަ އެވެ. ޓޮރެސް އެ ރެކޯޑް މީގެ ކުރިން ދެމެހެއްޓި އިރު އޭނާ 50 ގޯލު ހަމަކޮށްފައި ވަނީ 72 މެޗު ކުޅެގެންނެވެ. ނަމަވެސް ސަލާހު ރޭ ޖެހި ގޯލާ އެކު އޭނާ ޓޮރެސްގެ ރެކޯޑް މުގުރާލާފައި ވަނީ 69 މެޗު ކުޅެގެންނެވެ.

ސަލާހުގެ އިތުރުން ރޭގެ މެޗުގައި ލިވަޕޫލްއަށް ގޯލުތައް ޖަހައިދީފައި ވަނީ ނަބީ ކެއިތާ އަދި އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ. ސައުތަމްޓޮންއިން ރޭގެ މެޗުގައި ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ ޝޭން ލޯންގް އެވެ.