އައްޑު އާއި ފުވައްމުލަކުގައި އަންނަ މަހު ބާއްވާ 17 ވަނަ ސާކް ސަމިޓްގެ ސަލާމަތީ ކަންތައްތައް ރޭވިފައިވާ ގޮތް އެ ސިޓީގައި ހަރަކާތްތެރިވާ ފުލުހުން، އިންޓަނަލް ސެކުއިރިޓީ ކޮމާންޑަރުންނާ އެކު އިއްޔެ ހިއްސާކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އަންނަ މަހުގެ 10 އިން 11 އަށް އައްޑު އާއި ފުވައްމުލަކުގައި ބާއްވާ ސާކް ސަމިޓުގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނަ ހުރިހާ ފުލުހުން ބައިވެރިވެގެން ގަމުގައި އިއްޔެ ހެނދުނު ބޭއްވި އެ ބައްދަލުވުމުގައި އިންޓަނަލް ސެކިއުރިޓީ ކޮމާންޑާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް އާއި އިސް ކޮމާންޑަރުންބައިވެރިވި ކަމަށެވެ.

ފުލުހުން ބުނީ އިންޓާނަލް ސެކިއުރިޓީ ބެލެހެއްޓުން ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސް ނިންމާލުމަކީ ދިވެހި ފުލުހުންގެ މަސައްކަތުގެ ފެންވަރާއި ފަންވަރު ދައްކާލަން ލިބޭ ރަނުގެ ފުރުޞަތެއް ކަމަށާއި ފުލުހުން އަބަދުވެސް ތިބޭނީ ގައުމީ ހިދުމަތުގައި ކަމަށެވެ.

ސާކް ސަމިޓުގެ ސެކިއުރިޓީގައި ހާހަކަށް ވުރެ ގިނަ ފުލުހުން ބައިވެރިވާނެ ކަމަށާއި އަދި އަވަށްޓެރި ތިން ގައުމެއްގެ ފުލުހުން ވެސް އެ މަސައްކަތްތަކުގައި ބައިވެރިވާނެ ކަމަށް ދިވެހި ހާރިޖިއްޔާ އިން ވަނީ ބުނެފަ އެވެ.