ނިއުދިއްލީ (އެޕްރީލް 5) : އިންޑިޔާގެ އާންމު އިންތިޚާބުގައި ކޮންގްރެސް ޕާޓީއާއި އެޕާޓީއާ ގުޅިފައިވާ ކޯލިޝަނަކަށް ބޭޖީޕީ ބަލިނުކުރެވޭނެ ކަމަށް އެޕާޓީގެ އިސް ބޭފުޅެއްކަމަށްވާ ޕްރަކާޝް ޖަވަދެކާރ ވިދާޅުވެއްޖެއެވެ.

ބީޖޭޕީގެ ކޭންޕޭން އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޖަވަދެކާރ ވިދާޅުވީ އިންޑިޔާގެ ޕާލަމެންޓްގެ ދަށުގެ ކަމަށްވާ ލޮކްސަބްހާގެ 545 ގޮނޑީގެ ތެރޭން 300 ގޮނޑި ބީޖޭޕީގެ ކެންޑިޑޭޓުން ކާމިޔާބުކުރާނެއެވެ. އިދިކޮޅު ކޮންގްރެސް ޕާޓީއަށް ބަހުގެ ހަމަލާތައް ދެއްވަމުން ޖަވަދެކާރ ވިދާޅުވީ ކޮންގްރެސް އިން އިންޑިޔާގައި 40 އަހަރު ވެރިކަންކުރިއިރު އިންޑިޔާއަށް ތަރައްގީ ގެނަސްދީ ފަގީރުކަން ނައްތާލުމުގައި އެޕާޓީ ވަނީ ނާކާމިޔާބުވެފައެވެ. އިންޑިޔާގެ އާންމު އިންތިޚާބު ބާއްވަން އެންމެ ހަފްތާއެއް ވެފައިވަނިކޮށް މިދިޔަ ބުރާސްގަތި ދުވަހު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލްގާންދީ ވަނީ އެޕާޓީގެ އިންތިޚާބީ މެނިފެސްޓޯ ނެރެފައެވެ.

ކޮންގްރެސް ގެ މެނިފެސްޓޯ ބިނާކޮށްވެފައިވަނީ ކުރިޔަށްއޮތް ދިހަ ވަރަކަށް އަހަރު ތެރޭގައި އިންޑިޔާއިން ފަގީރުކަން ނައްތާލުމާއި ރައްޔިތުންނަށް ވަޒީފާގެ ފުރްސަތުތައް އިތުރުކުރުމާއި ފަގީރުންނާއި މެދުފަންތީގެ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަނޅު ކުރުމުގެ އިތުރުން އިންޑިޔާއަށް ކުރިމަތިވެފައިވާ ވައި ތަޣައްޔަރު ވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މައްޗަށެވެ. އަދި ސިނާއީ ގޮތުން އިންޑިޔާ ކުރިޔަށް ގެންދިޔުމާއި އިގްތިސާދު ވަރުގަދަ ކުރުމާއި ބައިނަލްއަގްޥާމީ ވިޔަފާރީގައި އިންޑިޔާގެ ހިއްސާ އިތުރުކޮށް އިގްތިސާދީ ބާރަކަށް އިންޑިޔާ ހެދުންވެސް ކޮންގްރެސް ގެ މެނިފެސްޓޯގައި ހިމެނެއެވެ.

ބީޖޭޕީގެ ފަރާތުން އިންޑިޔާގެ ބޮޑުވަޒީރު ކަމަށް މިފަހަރުވެސް ކުރިމަތިލައްވަނީ އެގައުމުގެ މިހާރުގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއެވެ. މޯދީ ވިދާޅުވީ ކޮންގްރެސްގެ މެނިފެސްޓޯ އަކީ ދޮގާއި މަކަރުގެ މައްޗަށް ބިނާވެފައިވާ އޮޅުވާލުމުގެ މެނިފެސްޓޯ އެއް ކަމުގައެވެ. އަދި ކޮންގްރެސްގެ މެނިފެސްޓޯގައި އިންޑިޔާގެ ސިފައިންގެ ލަޝްކަރުތަކަށް ބާރުދޭ ބައެއް ގާނޫނުތައް އުވާލުން ހިމެނޭތީ އެއީ ސިފައިންގެ ލަޝްކަރުތައް މާޔޫސްވާ މެނިފެސްޓޯ އެއްކަމަށްވެސް މޯދީ ތުހުމަތު ކުރެއްވިއެވެ. ވެސްޓް ބެންގޯލްގެ ކަލްކަތާގެ ވާހަކަ ދައްކަވަމުން މޯދީ ވަނީ ކޮންގްރެސް ޕާޓީން އިންޑިޔާގައި ވެރިކަން ކޮށްފައިވަނީ އާއިލީ އަދި ވިރާސީގޮތަށް ވެރިކަން ވާރުތަވާ އުސޫލުން ކަމަށް ވިދާޅުވެ ކޮންގްރެސް އަށް ހަރުކަށި ހަމަލާތަކެއް ދެއްވާފައެވެ.

އަނެއްކޮޅުން ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާނދީވެސް ވަނީ މޯދީ އަށާއި އޭނާގެ ބީޖޭޕީ އަށް ބަހުގެ ޙަމަލާތަކެއް ދެއްވާފައެވެ. މިގޮތުން އާންމު އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ރައްޔިތުން އޮޅުވާލުމުގެ ވަރުގަދަ ހަރަކާތްތަކެއް ބީޖޭޕީން ކުރިޔަށް ގެންދާކަމަށް ރާހުލްގާންދީ ތުހުމަތު ކުރެއްވިއެވެ. އަދި ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުން އިންޑިޔާގެ ދަނޑުވެރިން ފަގީރުވެ ވަޒީފާނެތް މީހުންގެ އަދަދު އާދަޔާ ޚިލާފަށް މައްޗަށްގޮސް އިންޑިޔާގެ އެކި ދީންތަކުގެ މީހުންގެ މެދުގައި ފިތްނަ އުފެދޭގޮތަށް ބީޖޭޕީން ކަންތައްތައް ކޮށްފައިވާ ކަމަށާއި ބީޖޭޕީ އަކީ ހައްދު ފަހަނަޅާފައިވާ ފިކުރުގެ ޕާޓީއެއްކަމަށް ރާހުލްގާންދީ ތުހުމަތު ކުރެއްވިއެވެ.

އިންޑިޔާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފަގިރުކަމުގެ މައްސަލައާއި ވަޒީފާނެތް މީހުންގެ މައްސަލައެވެ. ކޮންގްރެސްގެ ދިގުލީ ވެރިކަމުގައި އެމައްސަލަ ހައްލު ކުރެވިފައިނުވާއިރު ބީޖޭޕީގެ ވެރިކަމުގައިވެސް މޯދީ އަށްވެސް އެމައްސަލަ ހައްލު ކުރެވިފައެއް ނުވެއެވެ. އަދި ބީޖޭޕީގެ ވެރިކަމުގައި އިންޑިޔާގެ ދަނޑުވެރިންނަށް މާކެޓް ހޯދައިދެވިފައިނުވާއިރު އިގްތިސާދުވެސްވަނީ ކުރިޔަށްވުރެ ދަށަށްގޮސްފައެވެ. ވަޒީފާނެތް މީހުންގެ އަދަދު ބީޖޭޕީގެ ވެރިކަމުގައިވަނީ އިންޑިޔާގެ ތާރީޚުގައި މިހާތަނަށް މައްޗަށް ނުދާމިންވަރަށް މައްޗަށް ގޮސްފައެވެ. އަދި ކޮރަޕްޝަންގެ ކަންތައްވެސް މޯދީގެ ވެރިކަމުގައި އޮތީ ކޮންގްރެސްގެ ވެރިކަމުގައިވެސް އެކަން އޮތް ހާލަތުގައެވެ.

އިންޑިޔާގެ އާންމު އިންތިޚާބުގައި ވޯޓުލުމަށް އެންމެ ހަފްތާއެއްހާ ދުވަހަށް ވެފައިވާއިރު ބީޖޭޕީއާއި ކޮންގްރެސް ޕާޓީން ގެންދަނީ ވަރަށް ވަރުގަދައަށް ކެމްޕޭން ހަރަކާތްތައް ހިންގައި އެއްޕާޓީ އަނެއްޕާޓީއަށް ބަހުގެ ޙަމަލާތައްދެމުންނެވެ. އަންނަ ބުރާސްފަތި ދުވަހު ވޯޓުލާން ފެށުމަށް ހަމަޖެހިފައިވާއިރު 7 މަރްހަލާއަކަށް ބަހަލައިގެން ކުރިޔަށް ގެންދާ މި އިންތިޚާބު ނިމޭނީ މޭމަހުގެ 19 ވަނަ ދުވަހުއެވެ. އިންޑިޔާގެ އާންމު އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 800 މިލިޔަނަށް އަރާއިރު ވޯޓުގެ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މޭމަހުގެ ތޭވީސް ވަނަ ދުވަހުއެވެ.(ނޫސްއެޖެންސީތައް)