ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ދެކެ އެއްވެސް ވަރަކަށް ޖެހިލުން ނުވި ނަމަވެސް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭއަށް އިހުތިރާމު ކުރާނެ ކަމަށް އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނޭ ބުނެފި އެވެ.

އަންނަ ހޮނިހިރު ދުވަހު ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް މެޗަކީ މި ސީޒަނުގައި ވެސް އެތްލެޓިކޯ ކުޅޭނެ އެންމެ މުހިއްމު މެޗެވެ. ސަބަބަކީ އެ މެޗުން އެތްލެޓިކޯ މެޑްރިޑް ބަލިވެއްޖެ ނަމަ ލީގު ހޯދުމަށް ކުރަމުން އަންނަ އުންމީދު ފުނޑުފުނޑުވެ ބާސެލޯނާއަަށް ލީގު ހޯދުމުގެ ފުރުސަތު ބޮޑު ވެގެން ދާނެ އެވެ.

އެތުލެޓިކޯ މެޑްރިދްގެ ކޯޗު ޑިއޭގޯ ސިމިއޯނޭ ---

ބާސެލޯނާ އިން މި އަހަރުގެ ސީޒަނުގައި ތިން ތަށްޓަށް އަމާޒު ހިފާފައިވާ އިރު އެ ޓީމުން ވަނީ ސްޕެނިޝް ލީގު ކަޕު (ކޮޕަ ޑެލްރޭ)ގެ ފައިނަލަށް ދަތުރު ކޮށްފަ އެވެ. އަދި ލީގުގެ އެއްވަނާގައި އަށް ޕޮއިންޓްގެ ލީޑެއް ނެގުމުގެ އިތުރުން ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް (ޗެމްޕިއަންސް ލީގު)ގެ ސެމީ ކުއާޓާ ފައިނަލަށް އެ ޓީމު ވަނީ ދަތުރު ކޮށްފަ އެވެ.

ބާސެލޯނާ މި އަހަރުގެ ސީޒަނުގައި ބޮޑެތި ކާމިޔާބުތަކެއް ހޯދަމުން އަންނަ އިރު އެންމެ ފާހަގަ ވަނީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީގެ މޮޅު ކުޅުމެވެ. ޔޫރަޕުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ އެސިސްޓް އަދި ޑްރިބަލިންގްގެ އިތުރުން ޗާންސް އުފައްދާފައި ވަނީ ވެސް މެސީ އެވެ. އޭނާ އަންނަނީ ކުޅޭ ކޮންމެ މެޗެއްގައި ވެސް ރެކޯޑްތަކެއް މުގުރަމުންނެވެ.

ނަމަވެސް މެސީގެ ޖާދޫވީ ކުޅުން އެތައް ފަހަރު ފެނިފައިވާ އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ވަނީ މެސީ ދެކެ ޖެހިލުން ނުވާ ކަމަށް ބުނެފަ އެވެ. އަދި ކުރިއަށް އޮތް މެޗު ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

"މެސީ ދެކެ ބިރެއް ނުގަނޭ،" ސިމިއޯނޭ ބުންޏެވެ. "ބާސެލޯނާއިން މިއަހަރުގެ ސީޒަނުގައި އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުން. އެކަމުގެ ފުލް ކްރެޑިޓް އަހަރެން ދޭނީ އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭއަށް. އެއީ މިވަގުތު އަހަރެން އެންމެ އިހުތިރާމް ކުރާއެއް ކޯޗު،"

މީގެ އިތުރުން އަނިޔާގައި މިވަގުތު ތިބި އެތްލެޓިކޯ މެޑްރިޑުގެ ދެ ސްޓަރައިކަރުން ކަމަށްވާ އަލްވާރޯ މޮރާޓާއާއި ޑިއޭގޯ ކޮސްޓާ ކުރިއަށް އޮތް މެޗަށް ފިޓުވާނެ ކަމަށް ސިމިއޯނޭ ވަނީ ބުނެފަ އެވެ.