ނަވާރަ ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކޮށް ކްލަބް ވެލެންސިއާގެ ފެށުން ރަނގަޅު ކޮށްފި އެވެ.

އެހެން އަހަރުތަކާ ހިލާފަށް ގިނަބަދަލުތަކާ އެކު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ފެށި މިމުބާރާތުގެ ގްރޫޕް އެކެއްގެ ފުރަތަމަ މެޗް ވެލެންސިޔާ އިން ކާމިޔާބުކުރީ ބީޖީ ސްޕޯޓްސްއާ ވާދަކޮށް 37 ޕޮއިންޓް 75 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މުޅި މެޗްގައި ވެސް އެންމެ ގިނަ ޕޮއިންޓް ހޯދި ވެލެންސިއާގެ ހުސެންއިން އަމީނެވެ. އޭނާ ވަނީ މެޗްގައި ޓީމަށް 24 ޕޮއިންޓް ހޯދާދީފަ އެވެ.

މި ދެ ޓީމުގެ އިތުރުން މުބާރާތުގެ ގްރޫޕް އެކެއްގައި ދެން ހިމެނެނީ ހަރިކޭން އާއި ރެޑްލައިނާއި އަދި އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ އެވެ. އަދި ގްރޫޕް ދޭއްގައި ހިމެނެނީ ވިކްޓަރީ އާއި ޑީބީސީ އާއި ޔޫއެން ފްރެންޑްސް އަދި ޓީރެކްސް އެވެ.

މުބާރާތުގައި މިރޭ ވެސް ގްރޫޕް އެކެއްގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ހަރިކޭނާއި ރެޑްލައިނެވެ. މެޗް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ގަ އެވެ.

މިމުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ޓީރެކްސް އެވެ.