05 Apr 2019, 18:06
ދިރާގާއި ރާއްޖޭގެ ޓެކް ކުންފުންޏެއް ކަމަށްވާ ސްޕާކް ހަބް ގުޅިގެން ދުނިޔޭގެ އެންމެ ވަރުގަދަ ސްޓާޓްއަޕް ވޯކްޝޮޕް "ލީން ސްޓާޓްއަޕް މެޝިން" ރާއްޖެ ގެންނަން ނިންމައިފިއެވެ.
ދިރާގުން ބުނީ އެ ވޯކްޝޮޕް ތިން ދުވަހަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ވޯކްޝޮޕްގައި ލީން އިން ގެންގުޅޭ ތަފާތު އުކުޅުތަކާއި އަދި އެކި އެކި ޕްރޮޑަކްޓްތަކާއި، ކަސްޓަމަރުންނަށާއި އަދި ބިޒްނަސް ޑިވޮލޮޕްމަންޓް މޮޑެލްތަކާ ގުޅޭގޮތުން ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ދިރާގުން ބުނީ އެ ވޯކްޝޮޕް އޮންނާނީ މިމަހުގެ 19 އިން 21 އަށް ކަމަށެވެ. އަދި އެ ވޯކްޝޮޕްގައި ލީންގެ ސަޓާޓްއަޕް އެކްސްޕާޓް ކޯޑު އެކަޑަމީއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ލީންއަކީ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ފާހަގަކޮށްލެވޭ ސްޓާޓްއަޕް ވޯކްޝޮޕްއެވެ. އަދި އެ ވާކްޝޮޕްތައް ދުނިޔޭގެ 50 ސިޓީއެއްގައި ބާއްވަފައިވާކަމަށްވެސް ދިރާގުން ބުންޏެވެ.
އެ ވޯކްޝޮޕްގައި ތަފާތު ބިޒްނަސް ކޮންސެޕްޓްތައް ޓެސްޓުކޮށް އޭގެ ތެރެއިން އެންމެ ރަނގަޅު ކޮންސެޕްޓްތައް ފާހަގަކޮށް، ސްޓާޓްއަޕްތައް ފަށައިގަތުމުގައި ބޭނުންވާ ވަސީލަތްތަކާއި ޓޫލްސްތައް ފޯރުކޮށްދީ އެކަމުގެ އުކުޅުތައް ކިޔައަދީ އަދި ދެމެހެއްޓެނިވި ގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ގޮތް ކިޔައިދިނުމަށް ހަމަޖެހިފައިވާ ކަަމަށް ދިރާގުން ބުންޏެވެ.
ރާއްޖޭގައި ސްޓާޓްއަޕްތައް ފެށުމަށް އެެހީތެރިވުމުގެ ގޮތުން ދިރާގާއި ސްޕާކްހަބް ގުޅިގެން ވަނީ މީގެ ކުރިންވެސް އިވެންޓްތައް ބާއްވައިފައެވެ. އޭގެ ތެރޭގައި ސްޓާޓްއަޕް އެކްސް ގްރައިންޑް އިވެންޓް އަދި ރާއްޖޭގައި ބޭއްވި އެންމެ ފުރަތަަމަ އިންޓަނޭޝަނަލް ހެކަތޯން ފާހަގަކޮށްލެވެއެވެ.