ވޮޝިންޓަން (އޭޕްރިލް 5): ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ)ގެ ޗީފް ޕްރޮސެކިއުޓަރު ފަތޫ ބަންސޫދާގެ ވިސާ އެމެރިކާއިން ކެންސަލްކޮށްފިއެވެ.

އެމެރިކާއިން އެފަދައިން ނިންމީ، އެގައުމުގެ ފައުޖުތަކުން އަފްގާނިސްތާނުގައި ހިންގި ކަމަށް ބެލެވޭ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރަން ބަންސޫދާ މަސައްކަތް ކުރައްވާތީއެވެ.

ގެމްބިއާގެ ރައްޔިތެއް ކަމަށްވާ ބަންސޫދާގެ ވިސާ އެމެރިކާއިން ކެންސަލް ކުރި ނަމަވެސް އޭނާއަށް އަދިވެސް ނިއު ޔޯކުގައި ހުންނަ އދގެ މައި އޮފީހަށް ވަޑައިގެންނެވޭނެ ކަމަށް ޕްރޮސެކިއުޓާސް އޮފީހުން ނެރުނު ބަޔާނެއްގައި ވެއެވެ. އަދި އެމެރިކާއިން ބަންސޫދާގެ ވިސާ ކެންސަލް ކުރި ނަމަވެސް އޭނާ "އެއްވެސް ބިރަކާ ނުލައި" އަދިވެސް އައިސީސީގައި މަސައްކަތް ކުރައްވާނެ ކަމަށް އެބަޔާނުގައި ވެއެވެ.

ދެހާސް ސަތާރަވަނަ އަހަރު ބަންސޫދާ ވަނީ، ތާލިބާނާއި އަފްގާން ސިފައިންނާއި އެމެރިކާ ސިފައިން ހިމެނޭ ބައިނަލްއަގުވާމީ ފައުޖުތަކުން އަފްގާނިސްތާނުގައި ހިންގި ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކުރުމަށް އައިސީސީގައި ހުއްދައަށް އެދިވަޑައިގެންފައެވެ.

އެ މައްސަލައާ ބެހޭ ފުރިހަމަ ތަހުގީގެއް ފެށުމާ ބެހޭ ގޮތުން އައިސީސީން އަދި ވަކި ގޮތެއް ނިންމާފައި ނުވެ އެވެ. ނަމަވެސް އެމެރިކާއިން ވަނީ އެގައުމުގެ ރައްޔިތުން ތަހުގީގު ކުރާ ނަމަ އައިސީސީއާއި އެކޯޓުގެ މެމްބަރުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.