ސޯލް (އޭޕްރިލް 5): ދެކުނު ކޮރެއާގެ ޖަންގަލިތަކުގައި އިއްޔެ ރޯވި އަލިފާންގަނޑު 525 ހެކްޓަރުގެ ސަރަހައްދަކަށް ފެތުރި، 4،000އަށް ވުރެ ގިނަ މީހުންނަށް އެމީހުންގެ ގެދޮރު ދޫކޮށް ދާން ޖެހިއްޖެ އެވެ.

އެއަލިފާންގަނޑު ރޯވީ ދެކުނު ކޮރެއާގެ އިރުމަތީގައި އޮންނަ ގަންގްވޮން ޕްރޮވިންސުގައި އެވެ. އަދި އޭގެ ފަހުން ވަނީ ސޮކްޗޯ އާއި ކަންގްނުން ސިޓީއަށް ފެތުރިފަ އެވެ. އޭގެ ސަބަބުން 198 ގެޔަށް ގެއްލުން ލިބިފައިވާ ކަމަށް ދެކުނު ކޮރެއާގެ ސަރުކާރުން ބުންޏެވެ. އެހާދިސާ ހިނގަން މެދުވެރިވީ ގަންގްވޮންގެ ޓްރާންފޯމަރެއް ހަލާކުވުމުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ކޮރެއާގެ ސަރުކާރުން އިތުރަށް ބުނި ގޮތުގައި މިހާރު ސޮކްޗޯގައި ފެތުރުނު އަލިފާންގަނޑު ވަނީ ނިއްވާލެވިފަ އެވެ. އަދި ކަންގްނުންގައި ރޯވި އަލިފާންގަނޑުގެ 50 ޕަސެންޓު ވަނީ ނިއްވާލެވިފަ އެވެ. ނަމަވެސް އެހާދިސާގައި އެކަކު މަރުވެ 11 މީހުންނަށް ވަނީ އަނިޔާވެފަ އެވެ.

ދެކުނު ކޮރެއާގެ ނެޝަނަލް ފަޔާ އޭޖެންސީން ބުނި ގޮތުގައި އަލިފާން ނިއްވުމުގައި 872 ފަޔާ ޓްރަކާއި 3،251 ފަޔާފައިޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެސަރަހައްދުތަކުގައި 16،500 ސިފައިންނާއި 32 ހެލިކަޕްޓަރާއި އަސްކަރިއްޔާގެ 26 ފަޔާ ޓްރަކް ދަނީ ހަރަކާތްތެރިވަމުންނެވެ.

އަލިފާން ރޯވި ސަރަހައްދު އޮންނަނީ އުތުރު ކޮރެއާގެ ބޯޑަރާ ކައިރީގަ އެވެ. އަދި ދެކުނު ކޮރެއާއިން ވަނީ އަލިފާންގަނޑާ ބެހޭ މައުލޫމާތު އުތުރު ކޮރެއާއާ ހިއްސާ ކުރަމުންދާނެ ކަމަށް ބުނެފަ އެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެއީ ދެކުނު ކޮރެއާގެ ތާރީހުގައިވެސް ހިނގި އެންމެ ނުރައްކާތެރި އެއް އަލިފާނުގެ ހާދިސާ އެވެ.