ހުރިހާ ގޮތަކުން ވެސް ފާހަގަކޮށްލެވިގެން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ މިދިޔަ އަހަރުގެ ބެސްޓު އޯލް ރައުންޑާ އަށް ފާއިތުވި އަހަރުގެ އެ ސްކޫލުގެ ކެޕްޓަން ޔަހުމާ ހަސަން ހޮވިއްޖެ އެވެ.

މިހާރު ލަންޑަނުގެ ކިންގްސް ކޮލެޖްގައި މެޑިސިން ކިޔަވަމުން އަންނަ ޔަހުމާ ބުނީ އޭލެވެލް އަދި ސްކޫލުން ލިބުނު އެ ކާމިޔާބީ އަކީ ހަމައެކަނި ދެ އަހަރު ދުވަހުގެ މަސައްކަތް ނޫން ކަމަށާއި އޭނާ އަށް އެ ނަތީޖާއާ ހަމައަށް އާދެވުނީ 12 އަހަރު ދުވަހުގެ މަސައްކަތުން ކަމަށެވެ. އަދި އެކަމަށް ގިނަ ބައެއްގެ އެހީތެރިކަމާއި ހިތްވަރު ބޭނުންވި ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ޔަހުމާ ވަނީ މި އަހަރުގެ އޭލެވެލް އިމްތިހާނުގެ ނެޝެނަލް ޓޮޕް ޓެންގައި އެއް ވަނަ ހޯދައިފަ އެވެ.
"ވަރަށް މަސައްކަތްކޮށްގެންނޭ ބުނެވޭނީ މި ކާމިޔާބީ ހޯދުނީ. މީދެން ދެ އަހަރުގެ މަސައްކަތެއް ވެސް ނޫން. ބާރަ އަހަރުގެ މަސައްކަތޭ ބުނެވޭނީ. ހުރިހާ ޓީޗަރުންނާއި ހުރިހާ ރައްޓެހިން ވަރަށް ވަރަށް ހެލްޕް ކޮށްދިން. އެހީތެރިކަމެއް ދީގެން،" އިނާމު ދިނުމުގެ ޖަލްސާ އަށް މިވަގުތު ރާއްޖޭގައި ހުރި ޔަހުމާ ބުންޏެވެ.

އޭނާ ބުނީ ކާމިޔާބީ ހާސިލް ވާނީ ހަމައެކަނި ކިޔެވުމަށް މަސައްކަތްކޮށްގެން ނޫން ކަމަށާއި އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވުން މުހިއްމު ކަމަށެވެ.

"އަޅުގަނޑު ސްކޫލު ދުވަސްވަރު ވަރަށް ގިނަ ހަރަކާތްތަކުގައި ބައިވެރިވިން. ބާސްކެޓް ގައި ވެސް ފުޓްސެލް ގައި ވެސް. އެންޖޯއި ކުރަން ޖެހޭނެ. ހަމެ އެވަރަށް ކިޔަވަން ވެސް ޖެހޭނެ. ކާމިޔާބީ ލިބޭނީ ކިޔެވުމާ އެކު އެހެން ހަރަކާތްތަކުގައި ވެސް ބައިވެރިވެގެން،" ޔަހުމާ ބުންޏެވެ.