ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަދި އެމެޒޯންގެ ބާނީ ޖެފް ބޭޒޯސްއާ ވަރިވުމާއެކު، ދުނިޔޭގެ އެންމެ މުއްސަނދި އަންހެނަކަށް އޭނާގެ ކުރީގެ އަންހެނުން މެކެންޒީ ބޭޒޯސް ވާނެކަމަށް ފޯބްސްއިން ރިޕޯޓުކޮށްފިއެވެ.

ޓުވިޓާ މެދުވެރިކޮށް މެކެންޒީ ބޭޒޯސް ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ ދެމަފިރިންގެ ވަރިއަށް ފަހު، އެމެޒޯންގައި އޮންނަ އެ ދެ މީހުންގެ ހިއްސާގެ ތެރެއިން 25 ޕަސެންޓު ހިއްސާ ލިބޭނީ މެކެންޒީއަށެވެ. އެ ހިއްސާގެ އަގު 35 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ފޯބްސްއިން ލަފާ ކުރެއެވެ.

އެހެންކަމުން ބޭޒޯސްގެ ވަރިއަށް ފަހު މެކެންޒީ ވެގެން ދާނީ ދުނިޔޭގެ ތިންވަނައަށް އެންމެ މުއްސަނދި އަންހެނާއަށެވެ. މިހާރު ދުނިޔޭގެ އެންމެ މުއްސަނދި އަންހެނަކީ ލޯރެއާލްގެ ޗެއާޕާސަން ފްރަންސުވާސް ބެޓެންކޯ މަޔާސް އެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 52.9 ބިލިއަން ޑޮލަރަށް އަރައެވެ. އަދި ދެވަނައަށް އެންމެ މުއްސަނދި އަންހެނަކީ ވޯލްމާޓްގެ ބާނީގެ ދަރިފުޅު އެލިސް ވޯލްޓަންއެވެ. އޭނާގެ މިލްކިއްޔާތު 45 ބިލިއަން ޑޮލަރަށް އަރާ ކަމަށް ފޯބްސްގައިވެއެވެ.

ޖެފްއާއި މެކެންޒީ ބޭޒޯސް ކައިވެނި ކުރީ، 1994 ވަނަ އަހަރު އެމެޒޯން އުފެއްދުމުގެ ކުރިންނެވެ. އަދި މެކެންޒީއަކީ އެމެޒޯންގެ އެންމެ ފުރަތަމަ މުވައްޒަފުންގެ ތެރެއިން އެކަކެވެ.

މިދިޔަ ޖެނުއަރީ މަހު އެދެމަފިރިން ވަރިވާން ނިންމިކަން އިއުލާން ކުރި ފަހުން އެމެރިކާގެ ނޫހަކުން ވަނީ ބޭޒޯސް އެހެން އަންހެނަކަށް ފޮނުވި މެސެޖުތަކަކާއި އެ އަންހެން މީހާއާއެކު ނަގާފައިވާ ފޮޓޯތަކެއް ލީކުކޮށްފައެވެ. އަދި ބޭޒޯސް ވަނީ އެ ނޫހުން އޭނާ ބްލެކްމެއިލް ކުރިކަމަށް ބުނެފައެވެ. ނަމަވެސް އެނޫހުން އެތުހުމަތުތައް ދޮގުކުރެއެވެ.

ބޭޒޯސްގެ އެތައް ބިލިއަން ޑޮލަރުގެ ވަރިއަށް ފަހުވެސް އޭނާއަށް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ނުގެއްލޭނެ ކަމަށް ފޯބްސްއިން ބުނެއެވެ. އެގޮތުން މިހާރު އޭނާގެ މިލްކިއްޔާތުގައި 110 ބިލިއަން ޑޮލަރު ހުރި ކަމަށާއި ދެވަނައަށް އެންމެ މުއްސަނދި މީހާ ކަމަށްވާ މައިކްރޯސޮފްޓުގެ ބާނީ، ބިލް ގޭޓްސްގެ މިލްކިއްޔާތުގައި ހުރީ 99.5 ބިލިއަން ޑޮލަރު ކަމަށް ފޯބްސްގައި ވެއެވެ.