05 Apr 2019, 00:25
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަކިކުރެވޭ ގޮތް ހެދުމަށް އެދި ސަރުކާރު ހިންގާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ހަމްޒާ ޚަލީލް އިސްވެ ހުންނަވައި، އެ ޕެޓިޝަން މިއަދު ހުށަހެޅީ 500 އަށް ވުރެ ގިނަ މެމްބަރުންގެ ސޮޔާއެކުއެވެ.
ހަމްޒާ މިރޭ "ސަން" އަށް ވިދާޅުވީ ދާއިރާގެ ރައްޔިތުންގެ ތިންބައިކުޅަ ދެބައި މެމްބަރުން ސޮއިކޮށް އިތުބާރު ނެތް ކަމަށް ހުށަހަޅައިފިނަމަ، އެބޭފުޅަކު މެމްބަރުކަމުން ވަކިވާ ގޮތް ހެދުމަށް އެ ޕެޓިޝަންގައި އެދިފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެފަދަ އުސޫލުތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށެވެ.
މަޖިލިސް މެމްބަރުން ޖަވާބުދާރީ ކުރުވުމަށްޓަކައި އެއީ ކޮންމެހެންވެސް ހަމަޖައްސަންޖެހޭ އުސޫލެއް ކަމަށާއި އެކަން އެގޮތަށް ނުކުރާނަމަ އެކަން ކުރުމަށް ބާރުއެޅުމަށް އިތުރު ހަރަކާތްތަކެއް ވެސް ހިންގާނެ ކަމަށް ހަމްޒާ ވިދާޅުވިއެވެ.