04 Apr 2019, 15:48
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ލ.ފޮނަދުއަށް ވަޑައިގަތީ އެ ޕާޓީގެ ޓިކެޓްގައި ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ފާތިމަތު ޒައީމާގެ ކެމްޕެއިނަށް ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޖޭޕީން ވާދަނުކުރާ ދާއިރާތަކުން އެ ޕާޓީގެ ތާއީދު ޕީޕީއެމް އާއި ޕީއެންސީގެ ކެންޑިޑޭޓުންނަށް ކުރުމަށް ގާސިމް އިބްރާހިމް ވަނީ ނިންމަވައިފަ އެވެ. އަދި އެއީ ޖުމްހޫރީ ޕާޓީގެ ވެސް ނިންމުމެވެ.
ގާސިމް މިއަދު ފޮނަދޫއަށް ވަޑައިގެންފައިވާ އިރު އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަނީ ޖޭޕީގެ މެމްބަރުންގެ އިތުރަށް ޕީޕީއެމްގެ ގިނަ ފަރާތްތަކެއް ނިކުމެފަ އެވެ. އޭގެ ތެރޭގައި ޖޭޕީ އިން އެ ދާއިރާ އަށް ވާދަ ކުރައްވާ ކެންޑިޑޭޓް ޒައީމާގެ އިތުރުން ޕީޕީއެމް ކޯލިޝަނުގެ ފަރާތުން އެ ދާއިރާއަށް ނިކުންނަވާ ޕީއެންސީގެ ވަގުތީ ލީޑަރު އަދި މިހާރު ވެސް އެ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ހުންވި އެވެ.
ޖޭޕީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހު ވިދާޅުވީ، ފޮނަދޫ ދާއިރާއަށް ވާދަކުރެއްވުމަށް އެ ޕާޓީގެ ކެންޑިޑޭޓަކު ހުންނަވާނެ ކަމަށާއި އެހެންކަމުން ޖޭޕީގެ ނިންމުމަކީ އެ ޕާޓީގެ ހުރިހާ ކެންޑިޑޭޓުންނަށް ތާއިދު ކުރުން ކަމަށެވެ.
"އަޅުގަނޑަކަށް ނޭނގެ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ޕީޕީއެމް އިން ފޮނަދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުގެ ކެމްޕެއިނަށް ދިޔަކަމެއް،" އަބްދުއްރަހީމްގެ ކެމްޕެއިނަށް ގާސިމް ފޮނަދޫއަށް ވަޑައިގަތް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެ ސުވާލު ދެންނެވުމުން އަލީ ސޯލިހު ވިދާޅުވި އެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބްގައި ވާދަކުރާ އިދިކޮޅު ޕީޕީއެމް ކޯލިޝަނުގެ 32 ކެންޑިޑޭޓުންނަށް ތާއިދު ކުރުމަށް ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަނީ ނިންމައިފި އެވެ.
ޖޭޕީ އާއި ޕީޕީއެމް ކޯލިޝަނުން ގުޅިގެން 14 ދާއިރާކަށް ކުރިމަތިލާ އިރު ޖޭޕީން އެކަނި 32 ދާއިރާ އަކަށް ވާދަކުރުމަށް ވަނީ މީގެ ކުރިން ނިންމައިފަ އެވެ. އަދި ޖޭޕީން ވާދަކުރާ ދާއިރާތަކަށް ޕީޕީއެމުން ވާދަ ކުރި ނަމަވެސް އެ ދާއިރާތަކުން ޖޭޕީން ތާއިދު ކުރާނީ އެ ޕާޓީގެ ކެންޑިޑޭޓުންނަށް ކަމަށް ގާސިމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.