04 Apr 2019, 15:59
އިންފުލުއެންޒާ ރޯގާ ފެތުރޭ މިންވަރު އިތުރުވެދާނެތީ އިންފުލުއެންޒާ ވެކްސިން ޖަހަން އިލްތިމާސްކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފާއިތުވި ދެ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދުވަސްވަރު އިންފުލުއެންޒާ ރޯގާ ފެތުރޭނެމިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް އިލްތިމާސްކުރާ ކަމަށެވެ.
އިންފުލުއެންޒާ ވެކްސިން އަކީ އަހަރަކު އެއްފަހަރު ޖަހަންޖެހޭ ވެކްސިނެކެވެ. އެޗްޕީއޭ އިން ބުނީ އިންފުލުއެންޒާ ވައިރަސް އަކީ އޭގެ ޒާތުގައި އަބަދު ވެސް ކޮންމެވެސް ވަރަކަށް ބަދަލުވާ ވައިރަސް އަކަށްވާތީ، އެ ބަދަލުތަކަށް ބަލާ ކޮންމެ ހަ މަހަކުން އާ ވެކްސިން އެއް އުފައްދާ ކަމަށެވެ.
އިންފުލުއެންޒާ ޖެހުމުގެ ނުރައްކާ ބޮޑު މީހުން މި ވެކްސިން ޖެހުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އޭގެ ތެރޭގައި މާބަނޑު މީހުންނާއި، އެކި ސަބަބު ތަކާހުރެ ގުނަވަން ބަދަލުކޮށްފައިވާ މީހުން، ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނާ ފަރުވާ ފުރިހަމަ ކޮށްފައިވާ މީހުން، ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާކުރާ ތިން އަހަރުން މަތީގެ މީހުން، އުމުރުން 65 އަހަރުން މަތީގެ މީހުން، އުމުރުން ހަ މަހާއި ހަ އަހަރާ ދެމެދުގެ ކުދިން، ދާއިމީ ބަލިތަކަށް ފަރުވާ ހީދާ މީހުން ހިމެނެ އެވެ.
އިންފުލުއެންޒާ ވެކްސިން އެސްޓީއޯ އަދި އޭޑީކޭ ފާމަސީ އިން ލިބެން އެބަހުރިކަމަށް އެޗްޕީއޭ އިން ބުންޏެވެ.