04 Apr 2019, 15:37
ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖަހާ ވޯޓު ކަރުދާސް ބާތިލު ކުރުމުގެ ފުރުސަތެއް އޮފިޝަލުންނަށް ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިނުން ބުނެފި އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި އޮފިޝަލުން ވޯޓު ކަރުދާހުގައި ފާހަގަ ޖަހާ ވޯޓު ބަދަލު ކުރި ކަމަށް އޭރު ބައެއް ފަރާތަކުން ތުހުމަތު ކުރި އެވެ.
އިންތިހާބާ ބޭހޭ ގާނޫނަށް ގެނައި ބަދަލާ އެކު ވޯޓު ކަރުދާހުގައި އިތުރު ފާހަގަ އެއް ޖެހުމުން ވޯޓު ކަރުދާސް ބާތިލް ވާނެ އެވެ. އެއާއެކު ބައެއް ފަރާތްތަކުގެ ކަންބޮޑުވުމަކީ އޮފިޝަލުންގެ ގޮތުގައި ހަރާކާތްތެރިވާ ފަރާތްތަކަށް އެ ވޯޓުގައި އިތުރު ފާހަގަ އެއް ޖަހާ ވޯޓު ބާތިލު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނުން އިންތިހާބީ މަރުކަޒުގައި ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، ވޯޓު ކަރުދާހުގައި އޮފިޝަލުންނަށް ކުރެހުމަށް ހުރި ހުރިހާ ފުރުސަތުތަކެއް ބަންދު ކޮށްފައިވާ ކަމަށާއި އެހެން ކަމުން އެފަދަ ކަމެއް ކުރުމަށް އޮފިޝަލުންނަށް އެއްވެސް ފުރުސަތެއް ނޯނާނެ ކަމަށެވެ. އަދި އޮފިޝަލުނަށް ބޭއްވި ތަމްރީންތަކުގައި ވެސް އެކަން ފަހާގަ ކޮށްފައިވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ވޯޓު ގުނުމުގެ ހަރަކާތް ހިންގާ ވޯޓު ފޯށީގެ ވެރިޔާއާއި ވެރިޔާއަށް އެހީތެރެވާ ދެ ފަރާތުގެ އަތުގައި އެއްޗެއް ލިޔެވޭނެ، ފަންސޫރެއް، ގަލަމެއް ނުވަތަ އެނޫން ވެސް ކުރެހޭނެ އެއްވެސް ކަހަލަ ވަސީލަތެއް ނުހުންނާނެ. ވަރަށް ރަނގަޅަށް އެ އިންސްޓްރަކްޝަން ދީފައި އޮންނާނެ. ނަތިއްޖާ ލިޔަމުންދާ ނުވަތަ ނޯޓު ކުރަމުންދާ ފަރާތްތަކަކީ ވޯޓު ގުނުމުގައި ބައިވެރި ނުވާ ނުވަތަ ކަރުދާޙުގައި އަތްލާ ފަރާތަކަށް ވެގެން ނުވާނެ ކަމަށް[ތަމްރީންތަކުގައި އިރުޝަދު ދީފައިވާނެ]."
"އަޅުގަނޑުމެންނަށް ޔަގީން ކަން އެރުވިދާނެ އެފަދަ ކަމެއް ކުރަން ހުރި ހުރިހާ ފުރުސަތެއް މި ޓްރޭނިންގް ތެރޭ އަޅުގަނޑުމެން ވާނީ ބަންދު ކޮށްފައި [ކަން]. އެކަހަލ ފުރުސަތެއް އެއްވެސް ވަރަކަށް ނޯންނާނެ،"ޝަރީފް ވިދާޅުވި އެވެ.

މިއަދު އީސީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ވޯޓު ކަރުދާހުގައި ކުރެހުމުގެ ފުރުސަތު އޮފިޝަލުންނަށް ނޯންނާނެ ކަމަށް އީސީ އިން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ވޯޓު ކަރުދާސް ވޯޓުލާ މީހާ އަތަށް ދޭ މޭޒުގައި އެއްވެސް ކަހަލަ ގަލަމެއް ނުވަތަ ލިޔެވޭ ފަދަ އެއްޗެއް ނޯންނާނެ ކަމަށާއި ނަމަވެސް ވޯޓު ކަރުދާސް ވޯޓުލާ މީހާ އަތަށް ލިބޭ އިރު، އޭގައި އެއްވެސް ފާހަގައެއް ނެތް ކަމަށް ވޯޓުލާ މީހާ އަމިއްލައަށް ޔަގީން ކުރުމަށް ޝަރީފް އިލްތިމާސް ކުރެއްވި އެވެ. އަދި ވޯޓު ގުނާ އިރު، ވޯޓު ގުނާ މަރުކަޒުގައި ވީހާވެސް ގިނަ ފަރާތްތައް ތިބުމަށްވެސް ޝަރީފް އިލްތިމާސް ކުރެއްވި އެވެ.
"އާންމުކޮށް ދުނިޔޭގެ ހުރިހާ ގައުމެއްގައި ހިނގާ ގޮތަށް އިންތިހާބުން ބަލިވީމަ، ބަލިވާ ފަރާތްތަކުން ކިޔާނެ ފާޑުފާޑުގެ ވާހަކަ. އެހެންވީމަ، އެކަހަލަ ކަންކަމަށް އަޅުގަނޑުމެންގެ ލީގަލް ޓީމުން ތައްޔާރުވެގެން މިތިބީ،"
"އެފަދަ އަމަލެއް [އޮފިޝަލުން ކުރާ] ކަހަލަ ޝައްކެއް ވާނަމަ ނުވަތަ ފެނިއްޖެ ކަމަށް ވާނަމަ، ވަގުތުން ވަގުތަށް އެކަމެއް ރިޕޯޓުކޮށް އޮންނަ އުސޫލުގެ ތެރެއިން އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދިނުމަށް،" އިސީގެ ރައީސް ޝަރީފް އިލްތިމާސް ކުރެއްވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، މިފަހަރު އިންތިހާބުގައި އޮޅުވާލުމެއް ނޯންނާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޝަރީފް އިތުރަށް ވިދާޅުވީ، އިންތިހާބުގައި މަކަރާއި އޮޅުވާލުމެއް ނޯންނާނެ ކަމަށާއި އަދި އެފަދަ ފުރުސަތެއް އްވެސް ބަޔަކަށް ނުދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ޔަގީންކަން އެރުވޭނެ ކަމަކީ، އަކަހަލަ [މަކާރާއި އޯޅުވާޅުމަށް] ފުރުސަތެއް އަޅުގަނޑުމެން ތަނަވަސްކޮށްދީފައި ނޯންނާނެ. ނުވެސް ދޭނަން. ނުވެސް ވާނެ އެކަމެއް."
"އާންމުކޮށް ދުނިޔޭގެ ހުރިހާ ގައުމެއްގައި ހިނގާ ގޮތަށް އިންތިހާބުން ބަލިވީމަ، ބަލިވާ ފަރާތްތަކުން ކިޔާނެ ފާޑުފާޑުގެ ވާހަކަ. އެހެންވީމާ، އެކަހަލަ ކަންކަމަށް އަޅުގަނޑުމެންގެ ލީގަލް ޓީމުން ތައްޔާރުވެގެން މިތިބީ،" ޝަރީފް ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބުގައި 87 ދާއިރާއަށް ކުރިމަތިލާފައި ވަނީ 386 ކެންޑުޑޭޓުންނެވެ. ދެލައްކައައް ވުރެ ގިނަ ރައްޔިތުން ވޯޓު ލުމަށް ހަމަޖެހިފައި ވަނީ 501 ވޯޓު ފޮއްޓަށެވެ. ރާއްޖެއިން ބޭރުގެ ހަތަރު ގައުމެއްގައި އަށް ވޯޓު ފޮށި ބަހައްޓަ އެވެ