ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ފައިނަލް ވޯޓާސް ލިސްޓް އާންމު ކުރިއިރު ތިމަރަފުށި ވޯޓާސް ލިސްޓުގައި ނަން ނެތް ކަމަށް ބުނެ ހައިކޯޓަށް މައްސަލަ ހުށަހެޅި ހަތް މީހުންގެ ނަން ތިމަރަފުށި ވޯޓާސް ލިސްޓުގައި ހިމަނަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން މިއަދު ނިންމައިފި އެވެ.

އިންތިހާބީ ޝަކުވާ ހުށަހެޅި ހަތް މީހުން

  • އަފްސާނާ އަބްދުލްވައްހާބު/ ހަވާ، ތ.ތިމަރަފުށި

  • ސައުދިއްޔާ އަހުމަދު/ މޫނިމާގެ، ތ. ތިމަރަފުށި
  • އައިމިނަތު ސަފާ/ ހަވާ، ތ. ތިމަރަފުށި
  • އިސްމާއިލް ޝަރީފު/ ނަރުގިސްވިލާ، ތ. ތިމަރަފުށި
  • އަހުމަދު އިބްރާހިމް މަނިކު/ އަސުރުމާގެ، ތ. ތިމަރަފުށި
  • އަކްރަމް އަބްދުލްވައްހާބު/ ހަވާ، ތ. ތިމަރަފުށި
  • ހަސީނާ އަލީ/ އަސުރުމާގެ، ތ. ތިމަރަފުށި

އެ ހަތް މީހުން ވެސް ކޯޓުގައި އެދިފައި ވަނީ ވޯޓާސް ލިސްޓުގައި އެ މީހުންނަށް ތިމަރަފުށި ދާއިރާއަށް ވޯޓު ލެވޭ ގޮތަށް ވޯޓާސް ލިސްޓަށް ބަދަލު ގެންނަން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރު ކުރުމަށެވެ. ނަމަވެސް، މިއަދު ހައިކޯޓުން ނިންމާފައި ވަނީ އެ ހަތް މީހުންގެ ނަން ލިސްޓުގައި ހިމަނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުން އިންތިހާބެއް ބޭއްވުމުގެ މަދުވެގެން 45 ދުވަސް ކުރިން ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމު ކުރަން ވާނެ އެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންނަށް ލިބިގެންވާ އިރު، ލިސްޓު އާންމު ކުރާތާ 10 ދުވަހުގެ ތެރޭގައި ލިސްޓާ މެދު ޝަކުވާ ހުށަހަޅަން ވާނެ އެވެ. އެ 10 ދުވަސް ނިމޭތާ ފަސް ދުވަހުގެ ތެރޭގައި އެ ޝަކުވާތައް ބަލައި އެ ޝަކުވާތަކާ މެދު އީސީއިން ގޮތެއް ނިންމަން ޖެހޭނެ އެވެ.

އެ މުއްދަތުގެ ތެރޭގައި އެ ޝަކުވާއެއް ނިންމި ގޮތާ މެދު ހިތްހަމަނުޖެހޭ ނަމަ، މައްސަލަ ނިންމިތާ ފަސް ދުވަހުގެ ތެރޭގައި އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު ޝަކުވާ ހުށަހެޅި ފަރާތައް ލިބިގެންވެ އެވެ. ހައިކޯޓަށް ހުށަހެޅޭ އިންތިހާބީ މައްސަލަތައް އެ މައްސަލަތައް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހައިކޯޓުން ނިންމަންވާނެ އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްތަކުގައި ފާހަގަކޮށްފައި ވަނީ އެ ހަތް މީހުން ވެސް، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި، ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތަކުގެ ތެރެއިން، ހައި ކޯޓަށް މައްސަލަ ހުށަހަޅާފައިނުވާ ކަމަށެވެ.

އަދި އެ ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ ހުށަހަޅަން ޖެހޭ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަނާޅައިފި ނަމަ، އެއީ މައްސަލަ ހުށަހެޅުމުގެ ހައްގު ދޫކޮށްލީ ކަމަށް ބަލަންޖެހޭ ކަމަށެވެ. އަދި ވޯޓުލުމަކީ ފަރުދީ ހައްގެއް ކަމާއި އެ ހައްގަކީ ޖަމައީ ހައްގެއް ނޫން ކަން ފާހަގަކޮށް އެ ހައްގު ދޫކޮށްލުމުގެ އިހްތިހާރު ވޯޓުލާ ފަރާތަށް ލިބިގެންވާ ކަމަށް ހައިކޯޓުން ބުނެފައިވެ އެވެ

އޭގެ އިތުރުން މައްސަލަ ހުށަހެޅި ބައެއް މީހުންގެ ރަށްވެހިކަން ބަދަލު ކޮށްފައިވަނީ އެކަމަށް އިއުލާނުކޮށް، އިލެކްޝަންސް ކޮމިޝަނުން ދިން މުއްދަތު ހަމަވި ފަހުން ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. މައްސަލަ ހުށަހެޅި ބައެއް މީހުން ވަނީ ރަށްވެހިކަން ބަދަލުވުމުން ތިމަރަފުށި ދާއިރާއަށް ވޯޓު ލުމުގެ ހައްގު ގެއްލޭނެ ކަމަށް ބުނާ އިގުރާރެއްގައި ސޮއިކޮށްފަ އެވެ. އެހެން ކަމުން، އެކަމުން ވެސް ބެލެވޭނީ، އެ މީހުން އެނގިގެން ތިބެ އެ ހައްގު ދޫކޮށްލީ ކަމަށް ހުކުމްތަކުގައި ފާހަގަ ކުރި އެވެ.

އެެހެން ކަމުން، ހައިކޯޓުން އެ ހަތް މައްސަލައިގައި ވެސް ނިންމާފައި ވަނީ އެ ހަތް މީހުން ނަން ތިމަރަފުށި ވޯޓާސް ލިސްޓުގައި ހިމަނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އިންތިހާބީ ޝަކުވާގެ ތެރެއިން އެއް މައްސަލަ ހުށަހަޅާފައި ވަނީ އިލެކްޝަންސް ކޮމިޝަނުން އިދާރީ ޝަކުވާއަށް ހުޅުވާލި މުއްދަތުގަ އެވެ. އެހެންކަމުން އެ މައްސަލައިގައިވެސް ނިންމާފައި ވަނީ ޝަކުވާ ހުށަހެޅި ހުށަހަޅަން ޖެހޭ އިޖުރާއަތްތަކުގެ ތެރެއިން ނޫން ކަމަށެވެ.

މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓަށް އިސްލާހު ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ހުށަހެޅި ޝަކުވާތައް އިސްލާހު ގެނެސް ފައިނަލް ވޯޓާސް ލިސްޓު އާންމު ކުރީ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 264442 މީހުން އެބަތިއްބެވެ. އިންތިހާބު ފަސްކުރަން ޖެހިއްޖެ ނަމަ ބޮޑުގެއްލުމެއް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު މިއަދު ވަނީ ވިދާޅުވެފަ އެވެ. އިންތިހާބު ލަސްކުރަން ޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށާއި އިންތިހާބު ލަސްކޮށްފި ނަމަ އިތުރަށް 20 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.