ފުވައްމުލަކުގައި ހަދަމުން އަންނަ އެއާޕޯޓްގެ މަސައްކަތް މުޅިން ނިމި އަންނަ ނޮވެމްބަރު ތިން ވަނަ ދުވަހު ރަސްމީކޮށް ހުޅުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް މިއަދު ވިދާޅު ވެއްޖެ އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި އާދިލް ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދާކަމަށާއި މޫސުން ގޯސްވެގެން މަސައްކަތް ހުއްޓާލަން ނުޖެހޭ ނަމަ އެއާޕޯޓްގެ އޮޕަރޭޝަނަލް މަސައްކަތް މި މަހުގެ 27 ވަނަ ދުވަހު ފަށާނެ ކަމަށެވެ.

"އެއާޕޯޓްގެ މަސައްކަތުގެ ތެރެއިން މިއަދު މިހާރު އެވަނީ ތާރުއެޅުމުގެ މަސައްކަތް ފަށާފައި. އެމަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ނިންމާލެވޭނެ. މޫސުމް ގޯސްނުވެއްޖެ ކަމުގައި ވަނީ ނަމަ. އަޅުގަނޑުމެން މިބަލަނީ މި މަހު 27ގައި ބޯޓް ޖެއްސޭ ވަރަށް ރަންވޭ ނިންމުމުން އެކަމުގެ ހުއްދަ ދޭން،" އާދިލް ވިދާޅު ވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ފުރަތަމަ އެއާޕޯޓްގެ ހިދުމަތް ދޭ އިރު ރޭގަނޑު ގަޑީގައި ފުލައިޓްތައް ނުޖެއްސުނު ކަމުގައި ވީނަމަވެސް އެއާޕޯޓް ރަސްމީކޮށް ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވޭ އިރު ރަންވޭގެ ބޮކިތައް ހަރުކުރެވި އެއާޕޯޓްގައި ބޯޓްޖައްސަން ޖެހޭ ކޮންމެ ގަޑިއެއްގައި ބޯޓް ޖެއްސޭ ވަރަށް ރަންވޭ ފުރިހަމަ ވާނެކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.
ފުވައްމުލަކުގެ އެއާޕޯޓުގެ މަސައްކަތް ނިންމުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރާ މަސައްކަތްތަކަކީ ރަންވޭގައި ތާރުއެޅުމުގެ އިތުރަށް އެއާޕޯޓް ވަށައިގެން ފެންސު ޖެހުމާއި ޓާމިނަލްގެ މަސައްކަތް ނިންމުމެވެ.

ފުވައްމުލަކު އެއާޕޯޓު ހުޅުވުމާ އެކު ފުވައްމުލަކަށް އެއާލައިންތައް އޮޕަރޭޓު ކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އަންނަނީ އެއާލައިންތަކާ އެކު މަޝްވަރާކުރަމުންނެވެ. އެގޮތުން އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތާ ދިމާކޮށް ޚާއްސަ ފެއާތަކެއް ބޭއްވުމަށް ބައެއް އެއާލައިންތަކުން ތައްޔާރާރުވަމުން އަންނަ ކަމުގެ މަޢުލޫމާތު ވަނީ ލިބިފަ އެވެ.