މި އަހަރުގެ ފެބްރުއަރީ މަހު ގްރީން ޓެކުހުގެ ގޮތުގައި 79 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ގްރީން ޓެކުހުގެ ތަފާސް ހިސާބަށް ބަލާއިރު ފެބްރުއަރީމަހު އެންމެ ބޮޑު އަދަދެއް ގްރީން ޓެކްސްގެ ގޮތުގައި ދައްކާފައި ވަނީ ކ. އަތޮޅުންނެވެ. ކ. އަތޮޅުގެ ރިސޯޓު، ހޮޓާ، ގެސްޓްހައުސްތަކުން 27.92 މިލިއަން ރުފިޔާ ވަނީ ގްރީން ޓެކްސްގެ ގޮތުގައި މީރާ އަށް ދައްކައިފަ އެވެ.

މާލެ އަތޮޅަކީ ޓޫރިސްޓު އެނދު އެންމެ ގިނަ އަތޮޅެވެ. އޭގެ ތެރޭގައި ޓޫރިސްޓު ރިސޯޓާއި ގެސްޓު ހައުސް އަދި ހޮޓާތައް ވެސް ހިމެނެ އެވެ.

އެ އަތޮޅުގެ ރިސޯޓުތަކުން ގްރީން ޓެކްސްގެ ގޮތުގައި ދައްކާފައި ވަނީ 26 މިލިއަން ރުފިޔާ އެވެ. ހޮޓަލްތަކުން ތަކުން 160،020 ރުފިޔާ ދެއްކި އިރު މާލެ އަތޮޅުގައި ހުރި ގެސްޓްހައުސްތަކުން 849،794 ރުފިޔާ ވަނީ ދައްކައިފަ އެވެ.

ދެވަނަ އަށް ފެބްރުއަރީ މަހު އެންމެ ގިނަ އިން ގްރީން ޓެކްސް ދެއްކީ އދ. އަތޮޅުންނެވެ. އެއީ ނުވަ މިލިއަން ރުފިޔާ އެވެ. ތިންވަނަ އަށް އެންމެ ގިނައިން ޓެކްސް ދެއްކީ ބ. އަތޮޅުންނެވެ. އެ އަތޮޅުން ޖުމްލަ ހަ މިލިއަން ރުފިޔާ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި ފެބްރުއަރީ މަހު ރިސޯޓުތަކުން ދައްކާފައި ވަނީ 72 މިލިއަން ރުފިޔާ އެވެ. ގެސްޓު ހައުސްތަކުން ދައްކާފައި ވަނީ ދެ މިލިއަން ރުފިޔާ އެވެ. އަދި ހޮޓަލްތަކުން އެއް މިލިއަން ރުފިޔާ އެ މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވެ އެވެ.

ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން ރިސޯޓުތަކުން ރެއަކަށް ހަ ޑޮލަރު އަދި ގެސްޓު ހައުސްތަކުން ރެއަކަށް ތިން ޑޮލަރު ނަގަ އެވެ.

ގްރީން ޓެކްސްގެ ފައިސާ ބޭނުންކުރާނީ ހަމައެކަނި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށްކަން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކަށަވަރުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.