އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އިދާރީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނެފިއެވެ.

އިންތިހާބަށް ދެ ދުވަސް ވެފައިވާއިރު، އީސީއިން މިއަދު ވަނީ، އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ އެންމެ ފަހުގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައެވެ.

އިންތިހާބީ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، ހުރިހާ ތަނަކަށް ވޯޓު ފޮށިތައް ފޮނުވުން މިހާރު ނިމިފައިވާ ކަމަށާއި އެންމެ ފަހު ކަމަކަށް ރާއްޖެއިން ބޭރުގައި ބަހައްޓާ އިންޑިއާގެ ޓްރިވެންޑްރަމް ވޯޓު ފޮށީގެ އޮފިޝަލުން ތަމްރީނުކުރުން މިރޭ ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން އިންތިހާބުގެ ކުރިން ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ﷲގެ ރަހްމަތްފުޅާއެކު އިންތިހާބުގެ ހުރިހާ ކަމެއް ވަރަށް ފުރިހަމަކަމާއެކު ކޮށް ނިމިއްޖެ. ހަމައެކަނި އޮތީ، ވޯޓުލުމުގެ މަރުހަލާއާއި ވޯޓު ގުނުމުގެ މަރުހަލާ އަދި ނަތިއްޖާ ފާޅުކުރުމުގެ މަރުހަލާ. މާނައަކީ އިދާރީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ނިމިފައި ވަނީ،" ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ޝަރީފް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، ް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަރީފް ވިދާޅުވީ، ވޯޓު ފޮށީގެ ވަކިވަކި ދާއިރާތަކުގެ ނަތީޖާ ވޯޓުލާ މަރުކަޒުގައި އިއުލާން ކުރާނެތޯ ބައެއް ފަރާތްތަކުން ސުވާލު ކުރަމުންދާ ކަމަށާއި ގާނޫނުގައި ބުނާ ގޮތަށް ވޯޓު ފޮއްޓަށް ވޯޓުލާ ވަކިވަކި ދާއިރާތައް ވޯޓު ގުނާ ނިމުމާއެކު އިއުލާނު ކުރާނެ ކަމަށެވެ.

ދެލައްކައަށްވުރެ ގިނަ ރައްޔިތުން ވޯޓުލުމަށް ބަހައްޓާ 501 ވޯޓު ފޮޓަށް ހުރިހާ ދާއިރާއެއް ހިމެނޭ ގޮތަށް 8،631 ނަތިއްޖާ ޝީޓް ހިމެނޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެ ފޮޓަށް ވޯޓުލާ ކޮންމެ ވޯޓެއްގެ ނަތީޖާ އެ ފޮޓެއްގެ ވޯޓު ގުނާ ނިމުމުން އިއުލާނުކުރާނެ. އަދި އާންމުކޮށް ފެންނަ ތަނެއްގައި ނަތީޖާ ޝީޓް ހިއްޕާނެ،" މީޑިއާއަކުން އޮޅުން އަރާ ގޮތަށް ހަބަރު ފަތުރާފައިވާ ކަމަށް ބުނެ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އިސީއިން ނިންމާފައިވަނީ "ކޮންމެ ވޯޓު ފޮއްޓެއްގެ ކޮންމެ ދާއިރާއެއްގެ [ވޯޓުގެ ނަތިއްޖާ] ވަކިވަކިން ޕޯޑިއަމަށް އަރާ ނަތީޖާ އިއުލާނުކުރުމުގެ ބަދަލުގައި އަޅުގަނޑުމެން [އެ ނަތީޖާ] އިއުލާން ކުރާނީ ވެބްސައިޓް،" ގައި ކަމަށެވެ. އެއްވެސް ހާލެއްގައި ވަކިވަކި ވޯޓު ފޮށިތަކުގެ ނަތީޖާ އިއުލާނު ނުކުރުމަށް ނިންމާފައި ނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއަދު އީސީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެރ ތެރެއިން: ވަކި ވަކި ވޯޓު ފޮށިތަކުގެ ނަތިއްޖާ އިއުލާން ކުރާނެ ކަމަށް އީސީ އިން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަރީފް ވިދާޅުވީ، ދާއިރާއެއްގެ ހުރިހާ ވޯޓު ފޮށިތަކުގެ ނަތީޖާ "ވެރިފައި" ކޮށް ނިމުމުން ނަތީޖާ އިއުލާންކުރާނީ ކުރީގައި ވެސް ނަތީޖާ އިއުލާން ކުރި އުސޫލުން ޕޯޑިއަމްގައި ކަމަށެވެ.

ޝަރީފް ވިދާޅުވީ، ގާނޫނުގައި ބުނާގޮތުން އިންތިހާބު ބާއްވާތާ ހަތް ދުވަސް ތެރޭ ދާއިމާ ނަތީޖާ އިއުލާނު ކުރަންޖެހޭކަމަށާއި އީސީ މިހާރު ނިންމާފައިވަނީ އެންމެ ލަސްވެގެން ހަ ދުވަސް ތެރޭ ދާއިމީ ނަތީޖާ އިއުލާނުކުރަން ކަމަށެވެ. އެގޮތުން ވަގުތީ ނަތީޖާ ހޯމަ ދުވަހު އިއުލާނު ކުރުމަށް ފަހު ދާއިމީ ނަތިއްޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އެންމެ ލަސްވެގެން އަންނަ ހަފްތާ ހުކުރު ދުވަހުގެ ރޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެން ވަނީ، 264،442 މީހުންނަށެވެ. މަޖިލީހުގެ 87 ދާއިރާގެ 386 ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓު ލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި 501 ފޮށި ބެހެއްޓުމަށް ވަނީ ހަމަ ޖެހިފައެވެ.