04 Apr 2019, 14:55
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގްގެ ގެކޮޅުގައި ކޮމާންޑޯއަކު އަމިއްލަ ގަޔަށް ބަޑިޖަހައި މަރުވެއްޖެ އެވެ.
ލަންކާގެ ސްޕެޝަލް ޓާސްކު ފޯސްގައި ހިމެނޭ އެ ކޮމާންޑޯ އަމިއްލައަށް މަރުވީ އޭނާގެ އަތުގައި ރައިފަލް ބޭނުންކޮށްގެންނެވެ. އެ ހާދިސާ ހިނގިއިރު ރަނިލްވެސް އެގޭގައި އުޅުއްވި އެެވެ.
އޭނާ އަމިއްލަ އަށް މަރުވީ ކީއްވެގެންކަން އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. އަދި އެކަން މިހާރު ތަހުގީގުކުރަމުންދާ ކަމަށް ވެސް ލަންކާގެ ފުލުހުން ބުންޏެވެ.
ލަންކާގެ ޕާލަމަންޓްގައި މިލިޓަރީއާއި ފުލުހުންގެ ބަޖެޓާ ބެހޭ ގޮތުން ކުރިއަށްގެން ދިޔަ ބަހުސްގައި މަރުވި މީހާގެ މައްސަލައާ މެދު ވަނީ ބަހުސްވެސްކޮށްފަ އެވެ.
ލަންކާ ސަރުކާރުގެ އިސްވެރިންގެ ސެކިއުރިޓީ ބަލަހައްޓަމުންދަނީ އެކަމަށް ކަނޑައަޅާފައި ހުންނަ ހާއްސަ ސެކިއުރިޓީ ފޯސްއަކުންނެވެ.