މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުރި ބޭނުން ނުކުރާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވީ އެކައުންޓުތަކުގެމައުލޫމާތު އާންމުކޮށްފި އެވެ.

އެމްއައިބީ އިން ބުނީ ރާއްޖޭގެ ބޭންކިން ގަވައިދުގާ ބުނާ ގޮތަށް ވިދިވިދިގެން ފަސް އަހަރަށް ވުރެ ގިނަ ދުވަހު ބޭނުން ނުކޮށް ހުންނަ އެކައުންޓުތަކަކީ ޑޯމެންޓް އެކައުންޓުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތަށް ކަނޑައަޅާފައި ވާނީ މި މުއްދަތުގައި އެކައުންޓު މެދުވެރިކޮށް އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާތީ ކަމަށް އެ ބޭންކުން ބުންޏެވެ.

ޑޯމެންޓް އެކައުންޓުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކަށް ލިޔުން ފޮނުވާފައިވާނެ ކަމަށާއި އެ ކަސްޓަމަރުންގެ ފަރާތުން 60 ދުވަހުގެ ތެރޭގައި ޖަވާބެއް ނުލިބިއްޖެނަމަ އެކައުންޓުތަކުގައިވާ ފައިސާ މަރުކަޒީ ބޭންކް އެމްއެމްއޭ އާ ހަވާލު ކުރާނެ ކަމަށް ވެސް އެމްއައިބީ އިން ބުންޏެވެ.

އެކައުންޓް އެކްޓިވޭޓު ކުރަން ބޭނުންވާ ކަސްޓަމަރުން އެކަމަށް އެދޭ ފޯމު ފުރުމަށް ފަހު، އެމްއައިބީގެ ބްރާންޗަކަށް ހުށަހެޅުމަށް އެ ބޭންކުން ވަނީ އެދިފަ އެވެ. އަދި ޑޯމަންޓް އެކައުންޓުގައިވާ ފައިސާ ނެގުމަށް އެދި ހުށަހަޅާ ފޯމު ފުރުއްވުމަށް ފަހު، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބްރާންޗަކަށް ހުށަހެޅުމުން އެ ފައިސާ ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.