04 Apr 2019, 10:34
ލަންޑަން (އޭޕްރިލް 4): އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަންއިން ވަކިވާ ތާރީހު ފަސް ކުރަން އެގައުމުގެ ޕާލިމެންޓުން އަނެއްކާ ވެސް ފާސްކޮށްފި އެވެ.
އިއްޔެ އިނގިރޭސި ޕާލިމެންޓުގައި ނެގި ވޯޓުގައި ބްރެކްޒިޓް ލަސް ކުރަން 313 މެމްބަރުން ވޯޓު ދެއްވި އިރު އެއާ ދެކޮޅަށް 312 މެމްބަރުން ވޯޓު ދެއްވި އެވެ. އެބިލު ދެން ހުށަހަޅާނީ ޕާލިމެންޓުގެ މަތީގެއަށެވެ. އަދި އެއަށް ފަހު ބްރެކްޒިޓް ފަސްކޮށްދިނުމަށް އީޔޫގައި އެދެން ޖެހޭނެ އެވެ.
މީގެ ކުރިން އިނގިރޭސިން އީޔޫއިން ވަކިވާން ހަމަޖައްސާފައި އޮތީ މިދިޔަ މަހުގެ 29ގަ އެވެ. ނަމަވެސް އެކަމަށް ބޭނުންވާ އެއްބަސްވުމަށް ޕާލިމެންޓުގެ ރުހުން ނުލިބުމުގެ ސަބަބުން ބްރެކްޒިޓް ފަސް ކުރަން ބޮޑުވަޒީރު ތެރީސާ މޭ އެދިލެއްވި އެވެ. އަދި އީޔޫއިން ބުނެފައި ވަނީ، މިމަހުގެ 12ގެ ކުރިން ޕާލިމެންޓުން މޭގެ އެއްބަސްވުމަށް ރުހުން ދީފި ނަމަ، މޭ 22އާ ހަމައަށް ބްރެކްޒިޓް ލަސް ކުރެވޭނެ ކަމަށެވެ.
ނަމަވެސް އިނގިރޭސި ޕާލިމެންޓުގެ މަތީގެއިން ބްރެކްޒިޓް ފަސް ކުރަން އަނެއްކާ ވެސް ވޯޓު ދީފި ނަމަ، މޭގެ އެއްބަސްވުމަށް ރުހުން ނުލިބުނު ނަމަވެސް ބްރެކްޒިޓް ލަސް ކުރަން އީޔޫގައި އެދެން ބޮޑުވަޒީރަށް މަޖުބޫރު ވާނެ އެވެ.
އިނގިރޭސިން އީޔޫއިން ވަކިވުމަށް މޭ އެކުލަވާލެއްވި އެއްބަސްވުމާ ދެކޮޅަށް ޕާލިމެންޓުން ވަނީ ތިން ފަހަރު ވޯޓު ދީފަ އެވެ. އަދި އާއްމު ގޮތެއްގައި ސަރުކާރުން ކަނޑައަޅާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާ ހަމަޖެއްސުމުގެ ބާރު ޕާލިމެންޓުން ވަނީ ނަގައިފަ އެވެ.
ބްރެކްޒިޓްގެ އެއްބަސްވުމަށް އިނގިރޭސި ޕާލަމެންޓްގައި ކުރިމަތިވި ތިން ވަނަ ނާކާމިޔާބާގުޅިގެން ކުރަން ޖެހޭ މަޝްވަރާތައް ކުރުމަށް ޓަކައި މިމަހުގެ ދިހައެއްގައި ޔޫރަޕްގެ ލީޑަރުން ބްރަސަލްސްގައި ބައްދަލުކުރެއްވުމަށް ވަނީ ނިންމައިފަ އެވެ.