17 Oct 2011, 12:35
ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި ހަރަކާތްތަކެއްގައި މަސްތުވާތަކެތި ކަމަށް ތުޙުމަތު ކުރެވޭ ތަފާތު ހަތަރު މައްސަލައަކާ ގުޅިގެން ތިން ފިރިހެނުންނާއި ދެ ފިރިހެން ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ލ. ގަމު ތުނޑީ ބަނދަރުގައި އޮތް ދޯނި ސަވިސްގެ ފެރީގައި މަސްތުވާތަކެތި ހުރިކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން އެތަނަށް ގޮސް ބެލިބެލުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންގެ ތެރެއިން ދެ މީހަކު ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ތުޙުމަތު ކުރެވޭ 15 ރަބަރު ޕެކެޓާއި އަށް ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 22 އަހަރުގެ ދެ ފިރިހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި މިދިޔަ ހުކުރު ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި ލ. ފޮނަދޫ ބަނދަރުގައި އޮތް ދޯނި ސަވިސްގެ ފެރީގައި މަސްތުވާތަކެތި ގެންގުޅޭ ކަމުގެ މަޢުލޫމަތު ފުލުހުންނަށް ލިބުމުން ފުލުހުން އެތަނަށް ގޮސް ބެލިބެލުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ ކުދިން ތިބިތަނުގައި ހުރި ކޮތަޅެއްގައި މަސްތުވާތަކެތި ކަމަށް ތުޙުމަތު ކުރެވޭ އަށް ސެލޯފިން ކޮޅު ފެނިފައިވާ ކަމަށެވެ.
އަދި ހަމަ އެ ދޯނީގައި ހުރި މީހަކު މޫދާށް އެއްލާލި މަލްބަރޯ ސިނގިރޭޓް ފޮށްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 24 ރަބަރު ޕެކެޓް ފެނިފައިވެ އެވެ. އެ މައްސަލަ އާ ގުޅިގެން އުމުރުން 23 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު އިރާކޮޅު ލ. ގަމު ތުނޑީ ސްޓޭޖްމަތީގައި މަސްތުވާތަކެތި ހުރި ކަމުގެ މަޢުލޫމަތު ފުލުހުންނަށް ލިބުމުން، ފުލުހުން އެތަނަށް ގޮސް ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ތުޙުމަތު ކުރެވޭ އަށް ރަބަރު ޕެކެޓް ފެނިފައިވެ އެވެ. މި މައްސަލައާ ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާކަމަށް ފުލުހުން ބުނެ އެވެ.
ގަން ފުލުހުން އަތުލި މަސްތުވާތަކެތި ކަމަށް ތުޙުމަތު ކުރެވޭ ޖުމްލަ 47 ރަބަރު ޕެކެޓާއި 16 ސެލޯފިންކޮޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ވާކަށް ފުލުހުން ވަނީ ބުނެފަ އެވެ.