04 Apr 2019, 01:08
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފައިވާ މަޖިލިސް އިންތިހާބް ފަސްކުރުމަށް މަދު ބަޔަކު ކުރަމުންދާ މަސައްކަތް ބަލައި ނުގަނެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އަނބިކަބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ނަހުލާ މިރޭ ކުރެެއްވި ޓުވީޓެއްގައި ވަނީ ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް އަންނަ ހޮނިހިރު ދުވަހު އިންތިހާބް ބޭއްވުމަށް ގޮވާލައްވައިފައެވެ.
ނަހުލާ އިތުރަށް ވިދާޅުވީ މަޖިލިސް އިންތިހާބްގައި ސަރުކާރު ކޯލިޝަނަށް މެޖޯރިޓީ ލިބޭނެ ކަމާމެދު ޝައްކެއް ނެތް ކަމަށެވެ.
އަންނަ މަހު ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބު ލަސްކުރުމަށް ބައެއް ފަރާތްތަކުން ކޯޓަށް ދާން އުޅޭ ކަމަށް އަޑުތަކެއް ވަނީ ފެތުރިފަ އެވެ.
ނަމަވެސް މަޖިލިސް އިންތިހާބު ލަސްކުރަން ޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށާއި އިންތިހާބު ލަސްކޮށްފި ނަމަ އިތުރަށް 20 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ.
މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް ނެތުމުން އިންތިހާބު ފަސްކޮށް ދިނުމަށް އިދިކޮޅި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން މިދިޔަ މަސް ތެރޭ އީސީ އަށާއި ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުވި އެވެ. އޭރު ވެސް އީސީ އިން ބުނެފައި ވަނީ އިންތިހާބު ލަސްކުރަން ޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ޖޭޕީއާ ޕީޕީއެމް އަދި ޕީއެންސީއިން ވަނީ ކޯލިޝަންވެސް ހަދައިފައެވެ. ނަމަވެސް ޖޭޕީގެ ލީޑަރުގެ އަނިކަނަބަލުން ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއިދު ނުކުރާނެ ކަމަށެވެ. އަދި އިންތިހާބުގައި ޖޭޕީން ވާދަކުރާ ދާއިރާތަކުގައިވެސް ހަމަ އެ ދައިރާތަަކަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގައި ނަހުލާ ދަނީ ހަރަކާތްތެރިވަމުންނެވެ.