03 Apr 2019, 21:06
އެހެންގައުމުތަކާ އަޅާ ބަލާ އިރު، ތަރައްގީގައި ރާއްޖެ އޮތީ 100 އަހަރު ފަހަތުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މ. މުލަކު ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ނަސީރަށް ކެމްޕޭން ކޮށްދެއްވަން އެ ރަށަށް ވަޑައިގެން ނަސީރުގެ ކެމްޕޭންގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ޓެކްސް ދައްކައިގެން ދައުލަތަށް އާމްދަނީ ލިބުނަސް ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތައް ނުލިބޭ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ވެރިކަމުގައި ތިބޭ ބަޔަކު އެންމެ ފުރަތަމަ ކޮށްދޭން ޖެހޭ ކަމަކީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން އޮތީ އެގޮތަށް. އެހެން ގައުމުތަކުގައި އެކަންކަން ވަނީ މީގެ 100 އަހަރު ކުރިން ނިންމާފައި. އެހެންވީމާ ތަރައްގީގެ ޕްލޭންގައި އަޅުގަނޑުމެންގެ ރާއްޖެ މިއޮތީ 100 އަހަރު ފަހަތުގައި،" ރައީސް ސޯލިހް ވިދާޅުވި އެވެ.
އަދި ރާއްޖެއަށް ވުރެ ފަގީރު ގައުމުތަކުން ވެސް ނަރުދަމާއާއި ފެނާއި އަސާސީ ހިދުމަތްތައް ފުރިހަމަވެފައިވާ އިރު ރައްޖޭގައި އެ ހިދުމަތްތައް ފުރިހަމަވެފައި ނުވަނީ ސަރުކާރުން އެކަމަށް އިހުމާލުވެފައި ވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދުގެ ރައީސްގެ ވާހަކާގައި މުލަކުގެ މަގުހެދުމާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަން ވަނީ ފާހަގަކުރައްވައިފަ އެވެ.
އަދި މ. ކޮޅުފުށީގައި ސުކޫލަށް ބޭނުންވާ އިތުރު ކުލާސްރޫމު އެޅުމާއި މަލްޓި ޕާޕާސް ހޯލެއް އެޅުމާއި ގިރާސަރަހައްދު ހިމާޔަތްކޮށް، ފެނުގެ ނިޒާމު ގާއިމްކޮށް 150 ހައުސިން ޔުނިޓު އެޅުމަށް މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.