ހިއުމަން ޓްރެފިކިންގްގެ މައްސަލަތައް ފަސޭހަކަމާ އެކު ފުލުހުންނަށް ހުށަހެޅުމަށް ޓަކައި ވެބް ޕޯޓަލްއެއް ތަޢާރަފްކޮށް ބޭނުންކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ ވެބް ޕޯޓަލް މިދިޔަ މާޗު މަހުން ފެށިގެން ބޭނުންކުރަމުންދާ ކަމަށެވެ. މިއީ އިންޓަނެޓްގެ ޒަރީއާ އިން ވެބްސައިޓް މެދުވެރިކޮށް ހިއުމަން ޓްރެފިކިންގް މައްސަލަ ހުށަހެޅުމަށް ޓަކައި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ މައިގްރޭޝަންގެ އެހީތެރިކަމާ އެކު ތައްޔާރުކުރެވިފައިވާ ވެބް ޕޯޓަލްއެއް ކަމަށް ފުލުހުން ބުންޏެވެ.

މިއީ މާލެ އާއި އަތޮޅު ތެރެއަށް ހުށަހަޅޭ ހިއުމަން ޓްރެފިކިންގް މައްސަލަތަކުގެ ތަހުގީގުކޮށް އަދި އަނިޔާ ލިބިފައި ހުރި ފަރާތް ނުވަތަ ފަރާތްތަކަށް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތެއްގެ ތެރޭގައި ކަނޑައަޅައި، އެންމެމަތީ ދަރަޖައިގައި ތަހުގީގު ފުރިހަމަކޮށް ނިންމުމާއި މަސައްކަތުގެ ފެންވަރު އިތުރުކުރުމާއި ކޮންމެ މުވައްޒަފަކީ ވެސް މިބާވަތުގެ މައްސަލަތަކަށް އޭގެ އެންމެ މަތީ ދަރަޖަގައި އަހުލުވެރިވެ، ގާބިލްކަން ލިބިފައިވާ ބަޔަކަށް ހެދުމުގެ ގޮތުން ގާއިމްކުރި ޕޯޓަލްއެއް ކަމަށް ފުލުހުން ބުންޏެވެ.

އަދި އެފަދަ މައްސަލަތައް ފުލުހުންގެ މުއައްސަސާއަށް ހުށަހެޅޭނެ ފަސޭހަ ނިޒާމެއް ގާއިމުކުރުމާއި އިންވެސްޓިގޭޝަން އޮފިސަރުންނަށް އެ ގާނޫނުން ލާޒިމްކުރާ ކަންކަން ހަރުދަނާކަމާއެކުގައި ފުރިހަމަކުރެވޭނެ ގޮތްތަކެއް ތަރުތީބުކޮށްދިނުމާއި ރާއްޖޭގެ ހުރި އެންމެހާ އެމްބަސީތަކަށް ފަސޭހައިން މައްސަލަ ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސައިދިނުން ވެސް އެ ޕޯޓަލްގެ މަގުސަދުގެ ތެރޭގައި ހިމެނޭކަމަށް ފުލުހުން ބުންޏެވެ.

އެ ވެބް ޕޯޓަލްގެ ޒަރީޔާ އިން ރާއްޖެ އާއި ރާއްޖެ އިން ބޭރުން ކޮންސިއުލޭޓްތަކަށް މިބާވަތުގެ މައްސަލަ ހުށަހެޅުމުގައި އޮންނަ ލޭންގްއޭޖް ބެރިއާ އަށް ބޮޑު ހައްލެއް ލިބިގެންދިއުމާއި އަނިޔާލިބިފައިވާ މީހުން ހޯދުމަށް ފަސޭހަވުމުގެ އިތުރުން ތަހުގީގުކުރާ ފަރާތައް މައުލޫމާތު ފޯރުކޮށްދިނުމަށް ވެސް ލުއިފަސޭހަތަކެއް ވެގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.