03 Apr 2019, 15:58
ކުއަލަލަމްޕޫރު (އޭޕްރިލް 3): މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ދައުވާތަކަށް އޭނާ އިންކާރު ކުރައްވައިފި އެވެ.
ދައުލަތުގެ އިންވެސްޓްމެންޓު ފަންޑު 1އެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ނަޖީބުގެ ޝަރީއަތް މިއަދު ވަނީ ފަށާފަ އެވެ. އެއީ 1އެމްޑީބީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލްއިން ނަޖީބުގެ އެކައުންޓަށް 10.4 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގެ އަޑު އެހުމެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް ނަޖީބު ވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް 1އެމްޑީބީ ފަންޑު ހުޅުވީ އެގައުމުގެ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ އެއްކުރުމަށެވެ. ނަމަވެސް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ތުހުމަތުކުރާ ގޮތުގައި 1އެމްޑީބީ ފަންޑުން ވަނީ 4.5 ބިލިއަން ޑޮލަރު ޑައިވާޓުކޮށް، ލޯންޑާކޮށްފަ އެވެ. އަދި އެ ފައިސާ ބޭނުންކޮށްފައި ވަނީ އަގުބޮޑު ޕްރައިވެޓް ޖެޓާއި ގެތަކާއި ޔޮޓެއް ގަތުމަށެވެ. އެޔޮޓު މިއަދު މެލޭޝިއާ ސަރުކާރުން ވަނީ 126 މިލިއަން ޑޮލަރަށް ވިއްކާލައިފަ އެވެ.
އެމެރިކާގެ ޕްރޮސިކިއުޓަރުން ތުހުމަތު ކުރާ ގޮތުގައި 1އެމްޑީބީން ނަޖީބުގެ އެކައުންޓަށް ފޮނުވި ޖުމްލަ ފައިސާގެ އަދަދު 681 މިލިއަން ޑޮލަރަށް އަރަ އެވެ. ނަމަވެސް ނަޖީބުގެ ވެރިކަމުގައި އެ މައްސަލަ ބެލި ކޯޓަކުން ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން އޭނާއަށް އެރުވި ހަދިޔާއެއް ކަމަށް ނިންމާފައި އެވެ.
އަދި އެމައްސަލައިގައި ނަޖީބު ކުށްވެރި ނުވާ ކަމަށް އޭރު ކޯޓުން ނިންމި ނަމަވެސް މިދިޔަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މަހާތިރު މުހައްމަދު ވަނީ އެމައްސަލައިގެ ތަހުގީގު އަލުން ފައްޓަން އަމުރު ކުރައްވައިފަ އެވެ. އެތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ނަޖީބާ ގުޅުން ހުރި ހަ އެޕާޓްމެންޓެއް ފާސްކޮށް، އެއެޕާޓްމެންޓުތަކުން ފެނުނު ތަކެތީގެ އަގު 275 މިލިއަން ޑޮލަރަށް އަރާ ކަމަށް ބުނެފަ އެވެ.
އެމައްސަލާގައި ނަޖީބުގެ އަނބިކަނބަލުން ރޮސްމާ މަންސޫރުގެ މައްޗަށްވެސް ވަނީ ކޮރަޕްޝަނުގެ ދައުވާކޮށްފަ އެވެ.