ކުއަލަލަމްޕޫރު (އޭޕްރިލް 3): މެލޭޝިއާގެ 1އެމްޑީބީ ފަންޑުން ވަގަށް ނެގި ފައިސާ އިން ގަނެފައިވާ ކަމަށް ބެލެވޭ ޔޮޓެއް އެގައުމުގެ ސަރުކާރުން 126 މިލިއަން ޑޮލަރަށް ވިއްކާލައިފި އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް ނަޖީބު ރައްޒާގު ވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ވަންއެމްޑީބީ ފަންޑު ހުޅުވީ އެގައުމުގެ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ އެއްކުރުމަށެވެ. ނަމަވެސް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ތުހުމަތުކުރާ ގޮތުގައި 1އެމްޑީބީ ފަންޑުން ވަނީ 4.5 ބިލިއަން ޑޮލަރު ޑައިވާޓުކޮށް، ލޯންޑާކޮށްފަ އެވެ. އަދި އެފައިސާ ބޭނުންކޮށްފައި ވަނީ އަގުބޮޑު ޕްރައިވެޓް ޖެޓާއި ގެތަކާއި ޔޮޓެއް ގަތުމަށެވެ.

މެލޭޝިއާގެ ފުލުހުން މިދިޔަ އަހަރު ހިފެހެއްޓި އެޔޮޓު ގަނެފައި ވަނީ 1އެމްޑީބީ މައްސަލާގައި ތުހުމަތު ކުރެވޭ ވިޔަފާރިވެރިއެއް ކަމަށްވާ ލޯ ތެކް ޖޯ އެވެ. އަދި އިއްޔެ މެލޭޝިއާގެ ކޯޓަކުން ވަނީ 126 މިލިއަން ޑޮލަރަށް އެޔޮޓު އެގައުމުގެ ކަސީނޯ ފާމްއަކަށް ވިއްކަން ނިންމައިފަ އެވެ. ނަމަވެސް މީގެ ކުރިން ލޯ އެޔޮޓު ގަތީ 250 މިލިއަން ޑޮލަރަށް ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި އޭގައި 20 މީޓަރުގެ ފަތާ ފެންގަނޑަކާއި، ސްޕާއަކާއި ސިނަމާއަކާއި ހެލިޕެޑެއް ހިމެނެ އެވެ.

ވަންއެމްޑީބީ މައްސަލައާ ގުޅިގެން ނަޖީބު ރައްޒާގުގެ މައްޗަށް ވަނީ 42 ދައުވާއެއްކޮށްފަ އެވެ. އޭގެ ތެރެއިން، ވަންއެމްޑީބީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލްއިން ނަޖީބުގެ އެކައުންޓަށް 10.4 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައި އޭނާގެ ޝަރީއަތް މިއަދު ފަށާނެ އެވެ.

އެމެރިކާގެ ޕްރޮސިކިއުޓަރުން ތުހުމަތު ކުރާ ގޮތުގައި 1އެމްޑީބީން ނަޖީބު ރައްޒާގުގެ އެކައުންޓަށް ފޮނުވި ޖުމްލަ ފައިސާގެ އަދަދު 700 މިލިއަން ޑޮލަރާ ގާތް ކުރާނެ އެވެ.