03 Apr 2019, 10:48
ކުރީ ސަރުކާރުގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ކުރެވިފައި ހުރި ބިޑުތަކުގައި ހުރީ ކަންބޮޑުވާ ވަރުގެ އަގުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ފ. ބިލެތްދޫ އަށް ވަޑައިގެން އެރަށުގެ އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ކުރީ ސަރުކާރުން 70 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެޅި ފެނާއި ނަރުދަމާގެ ނިޒާމު މި ސަރުކާރުން ގާއިމް ކުރަނީ 27 ނޫނީ 30 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކަމަށެވެ.
"މިއަދު އަޅުގަނޑުމެން އަލުށް އެ ބިޑްތަކަށް ހުޅުވާލީމާ އެއަށް އަންނަ އަގުތަކުން އެބައެނގޭ 70 މިލިއަން އަށް ހިންގި މަޝްރޫއުތައް 27 ނޫނީ 30 މިލިއަނަށް ކުޑަވެއްޖެކަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފެނާއި ނަރުދަމާ އަދި ބަނދަރަކީ ސަރުކާރަށް ލިބޭ އާމްދަނީ އިން ހިންގޭނެ މަޝްރޫއުތަކެއް ކަމަށެވެ. މި ސަރުކާރުން ވައުދުވަނީ އެ ވައުދުތައް ފުއްދޭނެކަން އެނގިތިބެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފާފު އަތޮޅަކީވެސް ވައިގެ މަގުން ދަތުރު ކުރެވޭނެ ސަރަހައްދަކަށް ހަދަން ޖެހޭ ކަމަށެވެ.
"އަޅުގަނޑަށް އެކަމުގެ ބޭނުންތެރިކަން ފެނޭ. ރައްޔިތުން އެކަމަށް ބޭނުންވެފައި ތިބިތަންވެސް ފެނޭ. އިރާދަ ކުރެއްވިއްޔާ މި ސަރަހައްދުގައި އަޅުގަނޑުމެންނަށް އެއާޕޯޓެއް އެޅިގެންދާތަންވެސް ފެނިގެންދާނެ،"
ރައީސް މިފަދައިން ވިދާޅުވިއިރު ރައީސް ޔާމީންގެ ސަރުކާރުން ފާފު އަތޮޅުގައި އެއާޕޯޓެއް އަޅައި އިންޓަގްރޭޓެޑް ޓޫރިޒަމްގެ ބިޔަ މަޝްރޫއެއް ހިންގަން މަސައްކަތް ކުރިއެވެ. ނަމަވެސް އެ މަސައްކަތް ހުއްޓުނީ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށް އޭރުގެ ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ފާފު އަތޮޅުގެ އެއާޕޯޓު އެޅުމަށް މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުގައިވެސް ހިމެނިއެވެ. ނަމަވެސް އެ މަސައްކަތް ފަށައިފައެއް ނުވެއެވެ.
ރައީސް މިއަދު ވިދާޅުވީ ވޭތުވެދިޔަ ހަތްއަހަރަށް ބަލާއިރު ރާއްޖެ އޮތީ ބިރުވެރިކަމެއްގައި ކަމަށާއި ނަމަވެސް މި ސަރުކާރުގެ އިސްލާހީ މަސައްކަތްތަކާއެކު ރައްޔިތުންނަށް ގާނޫނު އަސާސީ އިން ލިބިދޭ ހައްގުތައް ލިބުމުގެ އުއްމީދު އާލާވެއްޖެ ކަމަށެވެ.