މެޗުގެ ފަހު ވަގުތުކޮޅު ލިއޮނެލް މެސީއާއި ލުއިސް ސުއަރެޒް ޖަހައިދިން ގޯލުތަކުން ވިލަރެއާލް އަތުން ޕޮއިންޓެއް ބާސެލޯނާ ހޯދައިފި އެވެ.

ވިލަރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ބާސެލޯނާއާއި ވިލަރެއާލް ބައްދަލުކުރި ފޯރިގަދަ މެޗު ނިމިގެންދިޔައީ 4-4 އިން ދެ ޓީމު އެއްވަރު ވެގެންނެވެ. ރޭގެ މެޗުން އެއްވަރުވި ނަމަވެސް ބާސެލޯނާ ތާވަލުގެ އެއްވަނައިގައި އޮތީ 30 މެޗު ކުޅެ 70 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމާ އެންމެ ގާތުން ދެން ވާދަ ކުރާ އެތުލެޓިކޯ މެޑްރިޑަށް 30 މެޗު ކުޅެގެން ލިބެނީ 62 ޕޮއިންޓެވެ.

ބާސާއިން ގޯލު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ--- ފޮޓޯ: ދިއިންޑިޕެންޑެންޓް

ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައި ބާސެލޯނާއަށް ހައިރާންކަން ގެނުވި ވިލަރެއާލް ރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު ވަނީ ރެލިގޭޝަން ޒޯނުން ވަގުތީ ގޮތުން ސަލާމަތްވެފަ އެވެ. ލީގުގައި ބާކީ އަށް މެޗު އޮތް އިރު ވިލަރެއާލްއިން ކުރިއަށް އޮތް މެޗުތަކުން ރަނގަޅު ނަތީޖާއެއް ނުނެރެވިއްޖެ ނަމަ ލީގުން ރެލިގޭޓުވުމުގެ ބިރު ބޮޑެވެ.

ބާސެލޯނާއިން ރޭގެ މެޗަށް ނުކުތީ އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަދި ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ނުހިމަނަ އެވެ. މެސީ ގެ އިތުރުން ޓީމުގެ އެންމެ ތަޖުރިބާކާރު ޑިފެންޑަރު ޖެރާޑް ޕީކޭ ވެސް ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިފައެއް ނުވެ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީ ކޮޅު ބާސެލޯނާއިން ވަނީ ދެ ގޯލު ޖަހާފަ އެވެ. ބްރެޒިލްގެ ދެ ކުޅުންތެރިން ކަމަށްވާ ފިލިޕޭ ކުޓީނިއޯއާއި މެލްކޮމް ޖެހި އެ ދެ ގޯލުގެ އިތުރުން ވެސް ބާސެލޯނާއަށް ހުސް ފުރުސަތު ތަކެއް އެ ހާފުގައި ލިބުގެން ދިޔައެވެ. ނަމަވެސް ފުރުސަތަކަށްފަހު ފުރުސަތެއް ބޭނުން ނުކުރެވި ގޮސް ވިލަރެއާލަށް ލިބުނު ކައުންޓާ އެޓޭކެއްގައި އެ ޓީމަށް ފުރަތަމަ ގޯލު ޖަހައިދިނީ ސެމުއަލް ޝޫކްވުއޭޒޭ އެވެ.

ޝޫކްވުއޭޒޭގެ ގޯލާ އެކު ވިލަރެއާލަށް ހިއްވަރު ލިބި އެމީހުންގެ ކުޅުން އިތުރަށް ރަނގަޅުކޮށް ބާސެލޯނާގެ ޑިފެންސަށް ޕްރެޝަރު ބޮޑު ކުރުިއެވެ. ބާސެލޯނާއިން ކުރީގައި އޮވެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފު ފެށިގެން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވިލަރެއާލުން ވަނީ މަތި މައްޗަށް ތިން ގޯލު ޖަހައި ބާސެލޯނާ ހައިރާން ކޮށްލާފަ އެވެ.

ނަމަވެސް ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ކުޅެން ނުކުތުމުން މެޗުގެ އޮއިވަރު ބަދަލުވާން ފެށި އެވެ. ބާސެލޯނާއިން ގިނަ ހަމަލާތަކެއް އުފައްދާ ވިލަރެއާލްގެ ގޯލަށް ނުރައްކާ ކުރަން ފެށުމުން ދެ ގޯލުގެ ލީޑެއް އޮއްވާ އެ ޓީމު ޕްރެޝަރަށް ދާން ފެށި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނަޓަކަށް ވެފައި ވަނިކޮށް ލިއޮނެލް މެސީ ވަނީ ހިތްގައިމު ހިލޭ ޖެހުމަށް ގޯލުގެ ތެރެއަށް ފޮނުވާލާ ވިލަރެއާލްއަށް އިތުރަށް ޕްރެޝަރު ބޮޑު ކޮށްފަ އެވެ. މިއީ އޭނާ ޖެހިޖެހިގެން ހިލޭ ޖެހުން ގޯލުގެ ތެރެއަށް ފޮނުވާލި ތިންވަނަ މެޗެވެ. ރޭގެ ގޯލާ އެކު މެސީ ވަނީ މި ސީޒަނުގައި ބާސެލޯނާއަށް 32 ގޯލު ސްޕެނިޝް ލީގުގައި ޖަހައިދީފަ އެވެ.

ފުރިހަމަ ވަގުތު ނިމި އިތުރު ވަގުތުގެ ތެރޭގައި ބާސެލޯނާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެ ޓީމުގެ އުރުގުއޭގެ ސްޓަރައިކަރު ލުއިސް ސުއަރޭޒް އެވެ.