17 Oct 2011, 10:46
އިޓާލިއަން ސެރީއާ ގައި އިތުރު ވަގުތު ގައި ލާޒިއޯ އަށް މިރޮސްލާވް ކްލޯސޭ ކާމިޔާބު ކޮށްދިން ލަނޑާއެކު، އެޓީމު ލީގުގެ ހަތަރުވަނަ އަށް ޖެހިލައިފި އެވެ.
ދިހަ ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ރޯމާ ބަލިކުރި ލާޒިއޯ ކުރި ހޯދީ ފަހަތުން އަރައެވެ. ނޮވާރާ އަތުން މޮޅުވުމަށް ފަހު ބޮލޮގްނާ އިން ވަނީ ސީޒަނުގެ ފުރަތަމަ ކާމިޔާބީ ހޯދާފައެވެ. ލީގުގައި ކުޅުނު އަނެއް ފަސް މެޗު ވަނީ 0-0 ލަނޑުން އެއްވަރު ވެފައެވެ.
އޭއެސް ރޯމާ އާއި ދެކޮޅަށް ރޭ ކުޅުނު މެޗުން ލާޒިއޯ ކުރި ހޯދީ ރޯމާ އިން ފުރަތަމަ ހާފުގެ ކުރީކޮޅު ލަނޑެއް ކާމިޔާބު ކޮށްފައި ވަނިކޮށެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ރޯމާ އަށް ކުރި ހޯދައިދިނީ ޕަބްލޯ ޑަނިއެލް އޮސްވަލްޑޯ އެވެ. މެޗުގެ 51 ވަނަ މިނެޓުގައި ރޯމާގެ ސިމޮން ޖާރް ޕެނަލްޓީ އޭރިޔާ ކުރި ކުށާއި ގުޅިގެން ރަތް ކާޑެއް ލިބި ލާޒިއޯ އަށް ޕެނަލްޓީއެއް ލިބިގެން ދިޔައެވެ. މިޕެނަލްޓީ ލާޒިއޯ އަށް ކާމިޔާބު ކޮށްދިނީ ހާނަނެސް އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ލިބުނު އިތުރު ވަގުތު ގައި ލާޒިއޯ އަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިނީ ކްލޯސޭ އެވެ. މިމެޗު ނިމިގެންދިޔައީ 2-1 ލަނޑުން ލާޒިއޯ ކުރީގައި އޮވެގެންނެވެ.
ނޮވަރާ ގެ މައްޗަށް ބޮލޮގްނާ ކުރި ހޯދި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ގަސްޓަން ރަމިރޭޒް އެޓީމަށް ލީޑު ހޯދައިދިނެވެ. ބޮލޮގްނާ އިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮބާޓް އަކުއަފްރެސްކާ އެވެ. މިމެޗް ނިމިގެންދިޔައީ 2-0 ލަނޑުން ބޮލޮގްނާ އަށް ކާމިޔާބީ ލިބިގެންނެވެ.
އިޓަލީ ލީގުގައި ރޭ ކުރިއަށް ދިޔަ ފަސް މެޗެއް ވަނީ 0-0 ލަނޑުން އެއްވަރު ވެފައެވެ. ސެސެނާ އާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗާއި، އެޓްލާންޓާ އާއި އުދިނޭސީ ބައްދަލުކުރި މެޗާއި، ކަގްލިއަރީ އާއި ސިއެނާ ބައްދަލުކުރި މެޗާއި، ޗިއެވޯ ވެރޯނާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ އިތުރުން ގެނޯއާ އާއި ލެޗޭ ބައްދަލު ކުރި މެޗުވެސް ނިމިގެންދިޔައީ 0-0 ލަނޑުން ނެވެ.
އިޓަލީ ލީގުގެ އެއްވަނާ ގައި އޮތީ ޔުވެންޓަސް އެވެ. ދެވަނާގައި އުދިނޭސީ އޮތްއިރު، ތިންވަނާ ގައި އޮތީ ކަގްލިއަރީ އެވެ. އަދި ހަތަރު ވަނާގައި މިހާރު އޮތީ ލާޒިއޯ އެވެ.