ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުޅަދާނަ އެކްޓަރު ވިކީ ކޯޝަލް އާއި ޓީވީ އެކްޓަރު އަދި ނެށުންތެރިޔާ ހަރްލީން ސޭތީގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ވިކީ ޔަގީންކޮށްދީފި އެވެ.

ވޫޓް އިން ގެނެސްދޭ 'ފޭމަސްލީ ފިލްމްފެއާ'ގެ އެޕިސޯޑެއްގައި ވިކީ ވަނީ ހަރްލީން އާ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އެއްބަސްވެފަ އެވެ. ވިކީ އާއި ހަރްލީން ދިމާވީ މިދިޔަ އަހަރު، ޕާޓީއެއްގެ ތެރެއިންނެވެ.

ނަމަވެސް އެ ގުޅުމަށް އަހަރެއް ވެސް ނުވަނީސް ދެމީހުން ރުޅިވެއްޖެ ކަމަށް ރިޕޯޓުތައް ވަނީ ބުނަން ފަށައިފަ އެެވެ. އަދި ނިމިގެން ދިޔަ އެވޯޑު ހަފްލާއެއްގައި 'އުރީ: ދަ ސާޖިކަލް ސްޓްރައިކް'ގެ އެކްޓަރު ވިކީ ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. ވިކީ ބުނީ އޭނާ މިހާރު ހުރީ މުޅިން ހުސްކޮށް ކަމަށެވެ.

ޚަބަރުތައް ބުނާ ގޮތުން ދެމީހުން ވަކިވީ ވިކީ އާއި ބަތަލާ ކެޓްރީނާ ކައިފް މާ ބޮޑަށް ގާތް ވުމުންނެވެ. އަދި ޖެހުނު މައްސަލަ އަކީ ބަތަލާ ބޫމީ ޕަދްނޭކަރު ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.

އެހެން ރިޕޯޓުތައް ބުނާގޮތުން 'އުރީ'ގެ ކާމިޔާބީއަށް ފަހު ވިކީ އަށް އަމިއްލަ މީހާ ފެނުނީ އެވެ. އަދި އޭނާ ލޯބީގެ ގޮތުން ގުޅެން އެކަށީގެންވަނީ ފުންނާބު އުސް އެކްޓަރަކާ ކަމަށް ވިކީ އަށް ގަބޫލު ކުރެވުނީ އެވެ.

ވިކީ އެންމެ ފަހުން ފެނިގެން ދިޔައީ 'އޫރީ' އިންނެވެ. އެ ފިލްމު ވެގެން ގޮސްފައި ވަނީ ގިނަ ރެކޯޑުތަކެއް އާކުރި، ތަފާތު މޮޅު ފިލްމަކަށެވެ. ވިކީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ކަރަން ޖޯހަރުގެ ފިލްމު 'ތަޚްތު' އިންނެވެ. އޭގެ އިތުރުން ބޫމީ އާއެކު ވަރަށް އަވަހަށް ބިރުވެރި ފިލްމެއްގެ މަސައްކަތް ވެސް ފަށާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.