03 Apr 2019, 10:03
އަލްޖަޒާއިރު ގެ ރައީސް އަބްދުލްއަޒީޒް ބޫތާފްލީގާ ރޭ ގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވުމާއެކު އެގައުމުގެ ރިޔާސަތު މިވަގުތުވަނީ ހުސްކަމެއްގެ ތެރޭގައެވެ.
އަލްޖަޒާއިރުގައި ރައީސް ކަމުގެ މަގާމުގައިވެސް އަދި ރައީސް ކަމާވަގުތީގޮތުން ހަވާލުވެވަޑައިގެންވެސް މިހާރު އެއްވެސް ބޭފުޅަކު ނެތެވެ.
އަލްޖަޒާއިރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުން އިސްތިއުފާ ދެއްވައިފިނަމަ ދެން އަމަލުކުރާނެ ގޮތް އޮންނަނީ އެގައުމުގެ ދަސްތޫރުގެ 102 ވަނަ މާއްދާގައެވެ. އެ މާއްދާ ބުނަނީ ބައްޔަކުން ކަމަށްވިޔަސް އަދި އެނޫންކަމަކުން ކަމަށްވިޔަސް ވެރިކަމުގައި ހުންނަވަން ނޫނީ ވެރިކަމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަން ކެރިވަޑައިނުގަންނަވާ ހާލަތެއް ރައީސަށް ކުރިމަތިވެއްޖެނަމަ ނޫނީ މަގާމުން އިސްތިއުދާ ދެއްވައިފިނަމަ އެސަބަބު ކަނޑައަޅާނީ ދަސްތޫރީ މަޖިލީހުގެ ޖަލްސާއަކުންނެވެ.
އެޖަލްސާއިން ސަބަބު ކަނޑައެޅުމަށްފަހު ޕާލަމެންޓްގެ ދެ ގޭގެ މެންބަރުން ހިމެނޭގޮތަށް ގުޅިފައިވާ ޖަލްސާއެއް ބާއްވައި މެންބަރުންގެ ތިންބައިކުޅަ ދެބައި ވޯޓުން އެސަބަބު ތަސްދީގު ކުރަންޖެހެއެވެ. އެއަށްފަހު ވަގުތީ ރައީސަކަށް ވެވަޑައިގަންނަވާނީ ޕާލަމެންޓްގެ ދަށުގޭގެ ރައީސެވެ. މިހާރު ދަށުގޭގެ ރައީސަކީ އަބްދުލްގާދިރު ބިން ސާލިޙް އެވެ.

އަލްޖަޒާއިރުގެ ދަސްތޫރީ މަޖިލިސްމިހާލަތުގައި ޕާލަމެންޓްގެ ދަށުގޭގެ ރައީސަށް މަގާމުގައި ދެމިހުންނެވޭތީ 45 ދުވަހަށެވެ. މި 45 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ގެ މަގާމުން ހުސްވެފައިވާކަމާއި އެމަގާމު ހުސްވި ސަބަބު ވަގުތީ ރައީސް ރަސްމީ ސިފައެއްގައި އިއްލާން ކުރައްވަންވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވެފައިވާ ކަމާއި ހުސްވި ސަބަބުން ވަގުތީ ރައީސް ޕާލަމެންޓްގެ ދަށުގެއަށްވެސް ރަސްމީ ސިޓީއަކުން އަންގަންޖެހޭނެއެވެ.
އެއަށްފަހު ޕާލަމެންޓްގެ ރައީސަށް 90 ދުވަސްވަންދެން ގައުމުގެ ވަގުތީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވުމުގެ ފުރްސަތު ލިބިގެންދާނެއެވެ. މިމުއްދަތުގައި ރިޔާސީ އިންތިޚާބެއް ބާއްވައި އައު ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކޮށް އޭނާ އާ ރައީސްކަމުގެ ހުވާ ކުރައްވަންޖެހެއެވެ. މިގޮތަށް ބާއްވާ ރިޔާސީ އިންތިޚާބުގައި ވަގުތީ ރައީސުލްޖުމްހޫރިއްޔާއަށް ވާދައެއް ނުކުރެވޭނެއެވެ. އަދި ބައިވެރިވެ ވަޑައެއްވެސް ނުގެންނެވޭނެއެވެ.
އަލްޖަޒާއިރު ގެ ރައީސް އަބްދުލްއަޒީޒް ބޫތާފްލީގާ އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ އިސްތިއުފާ ދެއްވިކަން ބަޔާންކުރާ ސިޓީއެއް އެގައުމުގެ ދަސްތޫރާ ބެހޭ މަޖިލީހުގެ ރައީސަށް ރޭގެ ވަގުތެއްގައި ފޮނުއްވައިގެންނެވެ. އިސްތިއުފާ ގެ ސިޓީގައި އިސްތިއުފާ ދެއްވީ އަލްޖަޒާއިރުގެ ރައްޔިތުން މިހާރަށްވުރެ ރަނގަނޅު މުސްތަގްބަލަކަށް އެދޭތީ އެފުރްސަތު ރައްޔިތުންނަށް ދެއްވުމުގެ ގޮތުން ކަމަށް ވިދާޅުވެފައިވެއެވެ.
ބޫތާފްލީގާގެ އިސްތިއުފާއަށް ގޮވާލައި އަލްޖަޒާއިރުގެ ރައްޔިތުން ކުރަމުން ގެންދާ މުޒާހަރާތަކަށް އެސިޓީގައި ނުސީދާ ގޮތެއްގައި އަލި އަޅުވާލައްވާފައިވެއެވެ. އެސިޓީގައި ބޫތާފްލީގާ ވިދާޅުވެފައިވަނީ އިސްތިއުފާ ދެއްވީ ގައުމުގެ ކަންތައް ގޯސްވުމުގެ ފުރްސަތު ނުދިނުމާއި ގައުމު މިހާރު އޮތް ހާލަތަށް ރިޔާއަތްކޮށް އެއްބައިވަންތަކަން ގާއިމް ކުރުމުގެ ބޭނުމުގައި ކަމުގައެވެ. އަދި ވެރިކަމުގައި ހޭދަކުރެއްވި މުއްދަތުގައި ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތަކުން ދިން އެއްބާރުލުމަށް ބޫތާފްލީގާ ޝުކުރު އަދާ ކުރައްވާފައިވެއެވެ.
އިސްތިއުފާގެ މިސިޓީ ދަސްތޫރީ މަޖިލީހަށް ފޮނުމުގެ އެއްދުވަސްކުރިން ކުރިން އަލްޖަޒާއިރުގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި ބޫތާފްލީގާގެ ރިޔާސީ ދައުރު މިއެޕްރީލް މަހުގެ 28 ވަނަ ދުވަހު ނިމޭނެކަމާ އޭގެކުރިން އޭނާ މަގާމުން އިސްތިއުފާ ދެއްވާނެކަން ކަށަވަރުކޮށް ދީފައިވެއެވެ.

އަލްޖަޒާއިރުގެ ރައްޔިތުން ބޫތާފްލީގާ ގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާ ކުރަނީވިހި އަހަރު ވެރިކަމުގައި ހުންނެވުމަށްފަހު ބޫތާފްލީގާ މަގާމުން އިސްތިއުފާ ދެއްވީ ރައްޔިތުން އެކަމަށް ގޮވާލައި ކުރަން ފެށި މުޒާހަރާތައް ދިގުލައިގެން ދިޔުމާއެކު އެމުޒާހަރާތަކަށް އެގައުމުގެ ސިފައިންގެ ތާއީދު ލިބި ބޫތާފްލީގާއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެ ވަޑައިގަތުމާ ގުޅިގެންނެވެ.
ބޫތާފްލީގާ ވެރިކަމުގައި އިތުރަށް ހުންނެވުމަށް އަލްޖަޒާއިރުގެ ސިފައިންގެ ތާއީދު ނެތްކަން ހާމަވެގެން ދިޔައީ މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުން ނުކުރުމާއި އަލްޖަޒާއިރުގެ ސިފައިންގެ ވެރިޔާ އަދި އެގައުމުގެ ހަގީގީ ބާރުވެރިޔާ ކަމަށް ބެލެވޭ ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް އަހުމަދު ގާޔިދު ސާލިޙް ދާދިފަހުން ދެއްވި ބަޔާނަކާ ގުޅިގެންނެވެ. އެބަޔާނުގައި ޖެނެރަލް ސާލިޙް ވަނީ ބޫތާފްލީގާއަށް ރައީސް ކަމުގެ މަގާމުގެ މަސްއޫލިއްޔަތު ނުއުފުއްލެއްވޭ ކަމަށް ކަނޑައަޅައި، އޭނާ މަގާމުން ދުރުކުރަން ތާއީދު ކުރައްވާކަން ހާމަކުރައްވާފަ އެވެ.
މިގޮތުން އަލްޖަޒާއިރުގެ ގާނޫނު އަސާސީގެ ސަތޭކަ ދެވަނަ މާއްދާގެ ދަށުން ބޫތާފްލީގާގެ ސިއްޙީ ހާލުކޮޅަށް ރިޢާޔަތް ކުރުމަށްފަހު އޭނާއަކީ ރައީސްކަމުގެ މަގާމަށް މިހާރު އަހުލުވެރި ބޭފުޅެއް ނޫން ކަމަށް ކަނޑައަޅައި ގައުމުގެ ރައީސް ކަމުގެ މަގާމު ހުސްވެފައިވާ ކަމަށް ދުސްތޫރީ މަޖިލީހަށް ނިންމިދާނެ ކަމަށްވެސް ޖެނެރަލް ސާލިޙް ވިދާޅުވެފައިވެއެވެ.
ބޫތާފްލީގާ އަލްޖަޒާއިރުގައި ވެރިކަން ކުރައްވަމުން ގެންދަވަނީ 1999 އިން ފެށިގެންނެވެ. ބޫތާފްލީގާއަކީ ފަރަންސޭސި އިސްސިއްމާރުން އަލްޖަޒާއިރު މިނިވަން ކުރުމަށް ހިންގި ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފައިވާ ކުރީގެ ޖީލުގެ ބޭފުޅެކެވެ.