ސައިކަލެއްގެ ވަށިގަނޑުގައި ކުޑަކުއްޖަކު ބައިންދައިގެން މާލޭ މަގުމަތީ ސައިކަލު ދުއްވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ސައިކަލްގެ ވަށިގަނޑަށް ކުއްޖަކު ލައިގެން ސައިކަލު ދުއްވާ ވީޑިއޯއެއް އިއްޔެ އިން ފެށިގެން ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ އިން ފެންނަނީ އޮރެންޖު ކުލައިގެ ގަމީގެއް ލައިގެން އިންނަ ފިރިހެނަކު، ކުޑަކުއްޖާ ސައިކަލުގެ ކުރީގައި އިންނަ ވަށިގަނޑު ތެރޭ ބައިންދައިގެން ސައިކަލު ދުއްވާފައި ދާތަނެވެ.

ފެންނަ ފެނުމަށް އެ ކުޑަކުއްޖާގެ އުމުރުން ގާތްގަނޑަކަށް އެެއް އަހަރު ނޫނީ ދޮޅު އަހަރު ވާނެ ކަމަށް ބެލެވެއެވެ. ވީޑިއޯ އިން ފެންނަނީ މާލޭ ރިންގު ރޯޑުގައި ސައިކަލު ދުއްވާފައިދާތަނެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ވަށިގަނޑަށް ކުއްޖަކު ލައިގެން ސައިކަލު ދުއްވި މައްސަލަ ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ސައިކަލު ވަށިގަނޑުގައި ކުއްޖާ ބައިންދައިގެން ސައިކަލު ދުއްވާތަން ފެންނަ ވީޑިއޯ އާންމުވުމުން ގިނަ ބަޔަކު ވަނީ ސައިކަލު ދުއްވަން އިން މީހާއަށް ފާޑުކިޔައިފައެވެ. ސައިކަލު ދުއްވަން އިން މީހާއަށް ފިޔަވަޅު އެޅުމަށްވެސް ގިނަ ބަޔަކު ވަނީ ގޮވާލައިފައެވެ.