އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވޮލްވާހަމްޓަން އަތުން ބަލިވެ ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު މެންޗެސްޓާ ޔުނައިޓެޑް ނަގާލައިފި އެވެ.

ޔުނައިޓެޑްގެ އާ ކޯޗުގެ ވަޒީފާ އެ ކުލަބުން ދާއިމީ ކުރި ފަހުން ކުޅުނު ދެވަނަ މެޗުން އެ ޓީމު ބަލިވެފައި ވަނީ 1-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން މޮޅުވެ ތާވަލުގެ ތިން ވަނައަށް އެރުމުގެ ފުރުސަތު ޔުނައިޓެޑަށް އޮތް ނަމަވެސް އެ މެޗުން ބަލި ވުމާ އެކު އެ ޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގަ އެވެ. ލީގު ނިމެން ބާކީ ހަ މެޗު އޮތް އިރު ޔުނައިޓެޑްއިން ކުރިއަށް ހުރި މެޗުތަކުން ރަނގަޅު ނަތީޖާއެއް ނުނެރެވިއްޖެ ނަމަ އެ ޓީމަށް އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ނުލިބޭނެ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ އާ ކޯޗު، އޮލެ ގުނަ ސޮލްޝަޔާ --- ފޮޓޯ/ ޑޮމް ފެރަލް

އިނގިރޭސި އެފްއޭ ކަޕުން ވެސް ޔުނައިޓެޑް ކަޓުވާލި، ވުލްވްސް ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ހާފުގެ ކުރީ ކޮޅު ޔުނައިޓެޑްގެ ޒުވާން މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ ޔުނައިޓެޑަށް ލީޑު ނަގައިދިން ނަމަވެސް ވުލްވްސްއިން ވަނީ އިތުރު ގޯލެއް ޖެހިޔަ ނުދީ ހިފަހައްޓާފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ގޯލާ އެކު ވުލްވްސް ގެ ޓީމު ކުރިއަށް ޖައްސައި ގިނަ ހަމަލާތަކެއް އުފެއްދި އެވެ. އެގޮތުން ފުރަތަމަ ހާފުގެ 25 ވަނަ މިނަޓުގައި ވުލްވްސް ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މިދިޔަ މަހު އިނގިރޭސި އެފްއޭ ކަޕުން ވެސް ޔުނައިޓެޑް ކަޓުވާލި މެޗުގައި ގޯލު ޖެހި ޑިއޭގޯ ޔޮޓާގެ އެ ގޯލާ އެކު ޔުނައިޓެޑް ޕްރެޝަރަށް ދާން ފެށި އެވެ.

ނަތީޖާއެއްގެ ގޮތުން މެޗު ހޫނުވެ ގިނަ ފައުލްތަކެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ އެވެ. މެންޗެސްޓާ ޔުނައިޓެޑްއިން ރޭގެ މެޗުގައި އިތުރުށް ބަލިކަށިވެ ޕްރެޝަރު ބޮޑުވެގެން ދިޔައީ ދެވަނަ ހާފުގެ ކުރީ ކޮޅު އެ ޓީމުގެ ކެޕްޓަން އެޝްލީ ޔަންގަށް ދެއްކި ރަތް ކާޑާ އެކު އެވެ.

ރޭގެ މެޗުން ވުލްވްސް މޮޅުވެގެން ދިޔައީ މެޗު ނިމެންދަނިކޮށް ޔުނައިޓެޑްގެ ޑިފެންޑަރު ކްރިސް ސްމޯލިންގް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

މީގެ އިތުރުން ރޭ ވަނީ ޕްރިމިއާ ލީގުގައި ފޯރިގަދަ އިތުރު މެޗެއް ވެސް ކުޅެވިގެން ގޮސްފަ އެވެ. ތާވަލުގެ އަށްވަނައިގައި އޮތް ވެޓްފޯޑުން ރެލިގޭޝަން ޒޯނުގައި އޮތް ފުލްހަމް ބަލި ކުރީ 1-4 ގެ ބޮޑު ނަތީޖާއަކުންނެވެ.