ބޯހިޔާވަހިކަން ނެތް މީހުންނަށް އާމްދަނީ ލިބެންދެން ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަން ނެތް ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އަދި ރިޔާސީ އިންތިހާބު ތެރޭ ރައީސް ސޯލިހް އެންމެ ގަދަ އަށް ދެއްކި އެއް ވާހަކަ އަކީވެސް އެޔެވެ.

މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި، ހެންވޭރުގެ ދާއިރާތަކަށް އެމްޑީޕީއިން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިސަރުކާރުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއު ތިން ބަޔަކަށް ބަހަލާގެން ކުރިއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އާމްދަނީ ލިބެންދެން ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ލިބޭ އާންމުދަނީން ދެކޮޅު ނުޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން އަދި ފަސޭހައިން ފުލެޓް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އާމްދަނީއެއް ނުލިބި، އެއްވެސް ގޮތެއްގައި ބޯހިޔާވަހިކަމެއް ނެތް މީހުންނަށް، އާމްދަނީއެއް ލިބެންދެން ހިލޭ، ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންނަ. އަދި ލިބޭ އާމްދަނީން ދެކޮޅުނުޖެއްސޭ ފަރާތްތަކަށް ސަރުކާރުން އެހިތެރިވެދޭނަން. އަދި ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ފްލެޓް ލިބޭނެ ގޮތް ހަދައިދީ، އެ ފަރާތްތަކަށް ލުއި ލޯނު ލިބޭ ގޮތް އަޅުގަނޑުމެން ހަދައިދޭނަން،" ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ބެހިގެންވާ ތިން ބައި ކިޔައިދެއްވަމުން ރައީސް ސޯލިހު ވިދާޅުވިއެވެ.

އާޓިފިޝަލް ބީޗުގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވާހަކަ ދައްކަވަނީ: ބޯހިޔާވަހިކަން ނެތް މީހުންނަށް އާމްދަނީ ލިބެންދެން ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ރައީސް ވިދާޅުވި --- ޓްވިޓާ ފޮޓޯ/ އެމްޑީޕީ

ރައީސް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި ހަރަދުތަކެއް ކޮށްފައިވާ ކަމަށެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުމަ ހުޅުމާލޭގައި ހަދަމުންދާ ފުލެޓްތަކަކީ އިންސާނުން އުޅެން ކަމުދާވަރު ތަންތަން ނޫން ކަމަށާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރަކުން ކަންތައް ކުރަން ޖެހޭ ގޮތަކީ އެއީ ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"500 އަކަ ފޫޓް ތެރޭ، ތިން ކޮޓަރީގެ އެޕާޓްމަންޓެއް ހަދާއިރު، ކޮޓަރިއެއްގެ ބޮޑުމިނަކީ އަށް ފޫޓް، ނުވަ ފޫޓް. އެތާ އެތެރެއަށް އެނދެއްލުމަށްފަހު، ދެން ނެތް އަލަމާރިއެއް ބަހައްޓާނެ ތަނެއް. މީއެއް ނޫން ބޯހިޔާވަހިކަން ފޯރުކޮށްދުނުމަށް ސަރުކާރަކުން ކަން ކުރަން ޖެހޭ ގޮތަކީ،" ރައީސް ޔާމީން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައިސް ޔާމީންގެ ސަރުކާރުން ދޫކުރި އެފަދަ ކުޑަ ފުލެޓްތަކުގެ އަގަކީ 8،000 ރުފިޔާ ކަމަށާއި ނަމަވެސް މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހަދާ 900 އަކަ ފޫޓް ފުލެޓެއްގެ އަގު 6،000 ރުފިޔާ އަށް ނާރާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މަޖިލީހުގައި ސަރުކާރަށް އަގުލަބިއްޔަތު އޮވެގެން ފުދޭކަށް ނެތް!

ރައިސް ސޯލިހް ވަނީ ރިޔާސީ ކޮމިޝަންތަކުގެ ބިލްތައް މަޖިލީހުގައި ފާސްވުން ލަސްވުމުން އެކަމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބެލުމާއި މަރާލާފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހް ވެރިކަމުގެ ފުރަތަމަ ދުވަހު ދެ ރިޔާސީ ކޮމިޝަން އުފެއްދެވި އެވެ. އަދި އެ ކޮމިޝަންތަކަށް ގާނޫނީ ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވިއެވެ.

ރައީސް ވިދާޅުވީ، ރިޔާސީ ކޮމިޝަންތައް އުފެދެއްވީ މިނިވަން މުއަސަސާތަކަށް އޭރު އިތުބާރު ނުކުރައްވާތީ ކަމަށާއި ކޮމިޝަންތަކަށް ގާނޫނީ ބާރުހޯދުމަށް އެމަނިކުފާނު ބޭނުންވި ކަމަށެވެ.

"މަޖިލީހަށް ބަލައިގަނެ، ކޮމިޓީއަށް ފޮނުވި. އަނބުރާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށްވެސް ގެނެއި. އެއަށްފަހު ދެން މި ފެނުނީ، އެ ގާނޫނު އަސާސީއާ ހިލާފް ބިލްތަކެކޭ. އެއަކަށް ނެތޭ ވޯޓަށް އެހޭކަށް،" ރައީސް ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލަށް ތިން ފަހަރެއްގެ މަތިން ވޯޓަށް އެހުމަށް ތާވަލު ކުރިއެވެ. ނަމަވެސް ބިލަށް ވޯޓަށް އެހުމަށް ބޭނުންވާ ގާނޫނީ އަދަދަށް މެމްބަރުން ހާޒިރުނުވުމުން އެ ތިން ފަހަރުވެސް ވޯޓަށް ނޭހުނެވެ.

ހަތަރު ވަނަ ފަހަރަށް އެބިލަށް ވޯޓަށް އެހުމަށް ތާވަލް ކުރުމުން އެ ބިލް ދިރާސާ ކުރެއްވި ކޮމެޓީގެ ބައެއް މެމްބަރުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން އެ ބިލަށް ވޯޓަށް އެހުން ިއެވެ. އަދި ފަހުންއް ކަމަށް ވިދާޅުވެފައެވެ.

މިރޭ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ އަޣުލަބިއްޔަތު އެބަ އޮތް ކަމަށެވެ. ނަމަވެސް ސަރުކާރުން ބެންނުވާ ކަންތައް މަޖިލިސް ތެރެއިން ނުވެގެން އުޅެނީ ކީއްވެގެންތޯ ރައީސް ސުވާލު އުފެއްދެވި އެވެ.

"މަޖިލީހުގައި ސަރުކާރަށް އަޣުލަބިއްޔަތު އޮތަސް އެވަރުން ފުދޭކަށް ނެތް. މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އަޣުލަބިއްޔަރު އެބަ އޮތޭ. މިކަންތައްތައް ނުވެގެން މިއުޅެނީ ކީއްވެގެންތޯ. މި ސުވާލުގެ ޖަވާބު އަޅުގަނޑުމެން ހޯދަން އެބަ ޖެހޭ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބޭނުން ވަނީ މަޖިލީހުގައިސަރުކާރަށް ހަމައެކަނި އަޣުލަބިއްޔަތު އޮތުން ނޫން ކަމަށާއި ސަރުކާރުން ކުރަން ބޭނުންވާ ކަންތައްތައް ކުރުމަށް އެއްބާރުލުން ދޭނެ މެމްބަރުން މަޖިލީހުގައި ތިބުން ކަމަށެވެ.