02 Apr 2019, 18:21
މާލޭގައި ދިިރިއުޅޭ ރައްޔިތުން ދަތުރުދާން އެނބޫދޫ ފަޅުގައި ތަރައްގީކުރާ ރަށް ތަރައްގީ ކުރާ ތައިލެންޑް ސިންގްހާ އެސްޓޭޓުން އެރަށް ތަރައްގީ ކުރާނީ އެންމެ ޒަމާނީ ހިދުމަތްތަކާއެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން، ހަފުތާ ބަންދުގައި ދަތުރު ދިޔުމަށްޓަކައި، މާލެއާ ކައިރިން ރަށެއް ހާއްސަކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެއްވެސް މެއެވެ.
މާލޭގައި އުޅޭ ރައްޔިތުން ދަތުރުދާން ތަރައްގީކުރާ ރަށް އިއުލާންކުރުމަށް މިއަދު ހަވީރު އާޓް ގެލެރީގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މާލޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ހާސްކަން، ވަރަށް ރަނގަޅަށް އިޙްސާސް ކުރެއްވޭ ކަމަށެވެ.

މާލޭގެ ރައްޔިތުން ދަތުރުދާނެ ރަށެއް އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ
އަދި އެކަމަށް ލުޔެއް ހޯދައިދިނުމަށް، ޕްލޭނިންގ މިނިސްޓްރީން ވަރަށް ބުރަ މަސައްކަތްތަކެއް ކުރާތާ ދުވަސްތަކެއް ވެއްޖެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެ މަސައްކަތުގެ ދަށުން، ސަރުކާރަށް ވަރަށް ފުރިހަމަ އިޖާބައެއް ދެއްވީ، އެނބޫދޫފަޅުގައި ކްރޮސް ރޯޑްސް ޕްރޮޖެކްޓް ތަރައްގީ ކުރަމުން އަންނަ ތައިލެންޑްގެ ސިންގހާ އެސްޓޭޓުން. އެނބޫދޫ ފަޅަކީ މާލެއިން ފުރައިގެން އެންމެ ފަނަރަ މިނެޓުން ދެވޭހާ ކައިރީގައި އޮތް ތަނެއް. ރިޒޯޓުތަކެއް ހެދުމަށް މިހާރުވެސް އެ ފަޅު އޮތީ ހިއްކައި ނިމިފައި." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ އެ ފަޅުގައި ތަރައްގީކުރި ރަށްތަކުގެ ތެރެއިން، ދަތުރު ދިޔުމަށްޓަކައި ވަކި ތަނެއް ހަމަޖައްސައިދިނުމަށް ސިންގހާ އެސްޓޭޓް ކުންފުނިން އެއްބަސްވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ދަތުރު ދާނެ ތަނެއް ތަރައްގީ ކުރުމުގައި ސަރުކާރާއެކު، ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްދޭނެ ކަމުގެ ޔަގީންކަން، އެ ކުންފުނިން ދީފައިވާ ކަމަށެވެ.