ޕްރެމިއާ ލީގުގައި ސަންޑަލޭންޑާއި ދެކޮޅަށް ރޭ ކުޅުނު މެޗުގައި ވެން ޕާސީ ކާމިޔާބު ކޮށްދިން ލަނޑާ އެކު އާސަނަލް ބަލިނުވެ، ސަލާމަތް ވެއްޖެ އެވެ.

ސަންޑަލޭންޑް އަތުން ހަނިގޮތަކަށް އާސެނަލް މޮޅުވި މެޗުގެ ފުރަތަމަ ލަނޑު ވެންޕާސީ ކާމިޔާބު ކޮށްދިނީ އެއްވަނަ މިނެޓުގަ އެވެ. މެޗުގެ 31 ވަނަ މިނެޓުގައި ސެބެސްޓިއަން ލާސަން ސަންޑަލޭންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މެޗުގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ އާސެނަލް އަށް އަލުން ލީޑު ލިބުނީ 82 ވަނަ މިނެޓުގަ އެވެ. މިލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ވެން ޕާސީ އެވެ.

ނިއުކާސަލް އިން ޓޮޓެންހަމް ހޮޓްސްޕާ ހިފެހެއްޓި މެޗު ވެސް ވެގެންދިޔައީ ރޭ ކުޅުނު ފޯރިގަދަ މެޗަކަށެވެ. މެޗުގެ ފުރަތަމަ ހާފުގައި ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޓޮޓެންހަމް އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްދިނީ ރަފެއަލް ވެންޑަ ވާޓް އެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން ތިން މިނެޓު ތެރޭ ޑެމްބަބާ ވަނީ ނިއުކާސަލް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ 68 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ޖާމޭން ޑެފޯ ޓޮޓެންހަމް އަށް އަލުން ލީޑު ހޯދައިދީފައިވެ އެވެ. ނިއުކާސަލް އަށް އަލުން ނަތީޖާ ހަމަހަމަ ކުރެވުނީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ 2-2 ލަނޑަށް ނަތީޖާ ބަދަލު ކޮށްދިނީ ޝޯލާ އެމިއޯބީ އެވެ.
ވޮލްވްސް ގެ މައްޗަށް 2-0 ލަނޑުން ކުރި ހޯދުމަށް ފަހު ވެސްޓް ބްރޮމް އިން ވަނީ ތިން ޕޮއިންޓް ހޯދާފައިވެ އެވެ. މެޗުގެ އަށް ވަނަ މިނެޓުގައި ވެސްޓްބްރޮމް އަށް ލީޑު ނަގައިދިނީ ކްރިސް ބްރަންޓް އެވެ. މެޗުގެ 72 ވަނަ މިނެޓުގައި ކުޅެން އެރުވި ޕީޓާ އޮޑެމްވިންގީ ވަނީ ކުޅެން ނުކުތްތާ ތިން މިނެޓު ތެރޭ ނަތީޖާ 2-0 ލަނޑަށް ބަދަލުކޮށްފަ އެވެ.

ޕްރެމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕޮއިންޓް ތާވަލް އަށް މާބޮޑު ބަދަލުތަކެއް އައިސްފައި ނުވި ކަމުގައި ވިޔަސް، އާސެނަލް އާއި ވެސްޓް ބްރޮމް ތާވަލުގެ ކުރިއަށް ޖެހި ލިއިރު ވޮލްވްސް އާއި ސަންޑަލޭންޑް ވަނީ ތާވަލުގެ ތިރިއަށް ވެއްޓިފަ އެވެ. ހަތަރުވަނާގައި އޮތް ނިއުކާސަލް އެމާގާމުގައި އޮތްއިރު ހަވަނާގައި އޮތް ޓޮޓެންހަމް ވެސް އޮތީ ކުރިން އޮތް މަގާމުގަ އެވެ.