02 Apr 2019, 18:27
ވާދަވެރި އިތުރު ކެންޑިޑޭޓެއްގެ ފަހަތަށް ނާރާ ކަމަށް މަޖިލިސް އިންތިހާބުގައި ގައްދޫ ދާއިރާ އަށް ވާދަކުރައްވާ އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މިހާރު ވެސް އެ ދާއިރާގެ މެންބަރުކަން ކުރައްވާ ގައްދޫ ރަޝީދު ވިދާޅުވީ ވާދަވެރި ކެންޑިޑޭޓުގެ ފަހަތަށް އޭނާ އަރާފައިވާކަމަށް ބުނެ ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ.
މީގެ އިތުރުން ގައްދޫ ރަޝީދާ ދެކޮޅަށް އެންޓި ކެމްޕެއިން ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މީހެއްގެ ފަހަތަށް އަރަން ނުޖެހޭނެކަން މިދާއިރާގެ ތާއީދު އޮތްގޮތުން ވާދަވެރި އެހެން ކެންޑިޑޭޓުންނަށް ޖެހިލުންވާތީ މިފަދަ ވާހަކަތައް ދައްކަމުން ދަނީ،" ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހަގީގަތާ ހިލާފު ދޮގުވާހަކަ ދައްކާ މީހުންނާމެދު ފިޔަވަޅު އެޅުމަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.
ގައްދޫ ދާއިރާގެ ގޮނޑިއަށް ދެވަނަ ދައުރަކަށް ރަޝީދު ކުރިމަތިލެއްވީ ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިންނެވެ.