ކޮލަމްބޯ (އޭޕްރިލް 2): ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ބެއްލެވުމުގެ ދަށުން އެގައުމުން 800 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި އެވެ.

ލަންކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެއީ ޖޫން 2016 އާއި ޖޫން 2018އާ ދޭތެރޭ ކުރިއަށް ގެންދިޔަ ހަތަރު ރޭޑެއްގައި އަތުލާފައިވާ މަސްތުވާތަކެއްޗެވެ. އަދި އިތުރު މަސްތުވާތަކެއްޗާ ގުޅުން ހުރި ޝަރީއަތްތައް ނިމުމުން އެތަކެތި ވެސް ނައްތާލާނެ އެވެ.

ސިރިސޭނާ ވަނީ ލަންކާއިން މަސްތުވާތަކެތި ނައްތާލުމަށް ކުރާ މަސައްކަތްތައް ފުޅާ ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި ބަނދަރުތަކާއި އެއާޕޯޓުތަކުން މަސްތުވާތަކެތި އަތުލައިގަތުމަށް ހައި-ޓެކް ސާމާނު އެތެރެ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ސިރިސޭނާ ވަނީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި ލަންކާ އިން ވަރަށް އަވަހަށް މަރުގެ އަދަބު ދޭން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ އެފަދައިން ވިދާޅުވީ ފިލިޕީންސްގައި "މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމައެއް" ކުރައްވަމުން ގެންދަވާ ރައީސް ރޮޑްރީގޯ ޑުޓާޓޭއާ ބައްދަލު ކުރެއްވުމަށް ފަހުގަ އެވެ.

ލަންކާގެ ކޯޓުތަކުގައި މީހުން މެރުމަށާއި ރޭޕް ކުރުމަށާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރަން ހުކުމް ކުރި ނަމަވެސް، 1976ގެ ފަހުން އެހުކުމް ތަންފީޒުކޮށްފައި ނުވެ އެވެ. އެގައުމުގައި ތިބި މަރަން ހުކުމްކޮށްފައިވާ މީހުންގެ އަދަދު 1،300އަށް އަރަ އެވެ.