ކުޅިވަރުތަކުން ރިކަވަރީއަށް ބޭނުން ކުރާނެ "އައިސް ބާތު ފެސިލިޓީއެއް" ބިނާ ކުރުމަށް ޕޮލިސީއެއް ނިންމާފައިވާ ކަމަށް އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ކުޅިވަރުގެ ކަންކަމަށް ވަރަށް ބޮޑު އިހުމާލެއް ވެފައިވާ ކަމަށާއި މި ސަރުކާރާ އެ ބޭފުޅުން ހަވާލުވި އިރު ކުޅިވަރު ކުޅެން ހެދިފައިވާ މަރުކަޒުތަކާއި ދަނޑުތައް އޮތީ ވަރަށް ބޮޑަށް ހާލުގައި ކަމަށެވެ.

ނަމަވެސް މި ސަރުކާރު ހިންގަން ފެށިތާ ކުޑަ ދުވަސްކޮޅެއް ތެރޭގައި ކުޅިވަރުގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ކުޅިވަރު އެސޯސިއޭޝަންތައް ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެނާ ވިދާޅުވި އެވެ. އަދި މިހާރު ކުޅިވަރު ކުޅުމަށް ހަދާފައި ހުރި ތަންތަން ޒަމާނީ ފެންވަރަކަށް މަރާމާތުކޮށް އެތަންތަނަކީ ކުޅިވަރުތައް ކުޅުމަށް އެންމެ އެކަށީގެންވާ ގޮތަކަށް ހެދިފައި ހުރި ތަންތަނަށް ހެދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އެ މަސައްކަތުގެ ތެރެއިން ދާދި ފަހުން ކުޅިވަރުގެ އެކި ހަރަކާތްތައް މިހާރު ވެސް ފުޅާ ދާއިރާއެއްގައި ހިންގަމުންދާ މާލޭގެ ޔޫތު ސެންޓަރުގައި އިންޑޯރް ކުޅިވަރުތަކާ ބެހޭ އޮފީހެއް ވެސް ސަރުކާރުން ވަނީ ބިނާ ކޮށްފަ އެވެ. އަދި މީގެ އިތުރުން އެ ތަނުގައި ވަރަށް އަވަހަށް ކުޅިވަރުތަކުން ރިކަވާ ކުރުމަށް ބޭނުން ކުރާނެ އައިސް ބާތް ފެސިލިޓީއެއް ވެސް ބިނާ ކުރާނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން މިހާރު ޕޮލިސީ ލެވަލްގައި ވާނީ ނިންމާފައި ރިކަވަރީއަށް އައިސް ބާތު ފެސިލިޓީއެއް ސޯޝަލް ސެންޓަރަށް ގެންނަން،" އަލީ ވަޙީދު ވިދާޅުވި އެވެ. "އެކަމުގެ ސަބަބުން ރާއްޖޭގެ ކުޅިވަރު އެތްލީޓުންނަށް ވަރަށް ބޮޑަށް ފައިދާ ވެގެން ދާނެ އެވެ،"

މީގެ އިތުރުން ސޯޝަލް ސެންޓަރު ހޫނުވުމުގެ މައްސަލަ އަކީ ވަރަށް ގިނަ އާންމު ރައްޔިތުން ކުރަމުން އަންނަ ދުވަސްވީ ޝަކުވާއެއްކަން އަލީ ވަޙީދު ފާހަގަ ކުރެއްވި އެވެ. އެކަމަށް ހައްލެއް ހޯދުމަށް ޓަކައި މިހާރު އެތާގައި ހުރި ސިސްޓަމް މެއިންޓެއިން ކުރެވޭތޯ ބަލައި ނުވެއްޖެ ނަމަ އާ ސިސްޓަމެއް ހަރުކޮށްގެން ވެސް އެކަން ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.