17 Oct 2011, 09:54
ދުނިޔޭގެ ފަސް ވަނަ އަށް ސީޑް ކޮށްފައިވާ ޓެނިސް ކުޅުންތެރިޔާ ސްޕެއިންގެ ޑޭވިޑް ފެރާ ބަލިކޮށް، ހަތަރު ވަނަ އަށް ސީޑުކޮށްފައިވާ އޭންޑީ މަރޭ ޝަންހާއީ މާސްޓާސް ކާމިޔާބު ކޮށް ތިންވަނަ އަށް ޖެހިލައިފި އެވެ. މަރޭ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފެރާ އާއި ވާދަކޮށް 7-5 6-4 ން މޮޅުވެގެންނެވެ.
ޝަންހާއީ މާސްޓާސް ކާމިޔާބު ކުރުމާ އެކު މަރޭ ވަނީ ކުރިން ތިންވަނާގައި އޮތް ސިވިޒަލޭންޑްގެ ރޮޖާ ފެޑަރާ އަށް ވުރެ ރޭންކިންގް ގެ ކުރިއަށް އަރާފަ އެވެ. މިއީ މަރޭ އަށް ފެޑަރާ އަށް ވުރެ ކުރިއަށް އެރުނު ފުރަތަމަ ފަހަރެވެ.
މަރޭ ވަނީ މި މަހު އެކަނި ވެސް އޭޝިޔާގެ ތިން މުބާރާތް ކާމިޔާބުކޮށްފަ އެވެ. މިމަހު ޖަޕާނުގައި އޮތް މުބާރާތާއި ތައިލެންޑުގައި އޮތް މުބާރާތް ވެސް މަރޭ ކާމިޔާބު ކޮށްފައިވެ އެވެ.
"އަހަރެން ކުޅެމުން މިދަނީ މުހިންމު މެޗުތަކެއް. މިހަފްތާގައި ވެސް ކުޅުނީ މުހިންމު މެޗުތަކެއް. ކޮންމެ ކުޅުންތެރިއެއް ވެސް ބޭނުންވާނެ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އަށް ވާން. މި އަހަރު ގަދަ ތިނެއްގައި އޮވެ ނިންމާލަން އަހަރެން ބޭނުން. ނަމަވެސް އެކަން ފުރިހަމަ ވާން އޮތީ ގިނަ މުބާރާތްތަކެއް ކާމިޔާބު ކުރެވިގެން." ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއު އެއްގައި މަރޭ ބުންޏެވެ.
މިދިޔަ އަހަރުގެ ޖަޕާން އޯޕަން މުބާރާތުގެ ޗެމްޕިއަން ސްޕޭނުގެ ރަފޭލް ނަޑާލް ބަލިކޮށް މި އަހަރުގެ ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން މަރޭ ހޯދިތާ އަދި ހަފްތާއެއް ވެސް ނުވެއެވެ. މިމަހު ކުރީކޮޅު ތައިލެންޑް އޯޕަން މަރޭ ފަސޭހަކަމާ އެކު ކާމިޔާބުކުރީ އެމެރިކާގެ ޑޮނަލްޑް ޔަންގް އާއި ވާދަކޮށެވެ.