02 Apr 2019, 15:59
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ފައިނަލް ވޯޓާސް ލިސްޓް އާންމު ކުރިއިރު ލިސްޓުގައި ނަން ނެތް ކަމަށް ބުނެ ހައިކޯޓަށް ހުށަހެޅި ހަތް މައްސަލައިގެ އަޑުއެހުން ވެސް ނިންމާާލައިފި އެވެ.
އިންތިހާބީ ޝަކުވާ ހުށަހެޅި ހަ މީހެއްގެ މައްސަލަ އިއްޔެ ހައިކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ މައްސަލަތަކުގެ އަޑުއެހުންތައް އިއްޔެ ވަނީ ނިންމާލައިފަ އެވެ. އަދި މިއަދު އިންތިހާބީ ޝަކުވާގެ ހަތް ވަނަ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންގޮސް އެ މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ނިންމާލައިފަ އެވެ.
އިއްޔެ ބެލި މައްސަލަތައް
އަފްސާނާ އަބްދުލްވައްހާބު/ ހަވާ، ތ.ތިމަރަފުށި
- ސައުދިއްޔާ އަހުމަދު/ މޫނިމާގެ، ތ. ތިމަރަފުށި
- އައިމިނަތު ސަފާ/ ހަވާ، ތ. ތިމަރަފުށި
- އިސްމާއިލް ޝަރީފު/ ނަރުގިސްވިލާ، ތ. ތިމަރަފުށި
- އަހުމަދު އިބްރާހިމް މަނިކު/ އަސުރުމާގެ، ތ. ތިމަރަފުށި
- އަކްރަމް އަބްދުލްވައްހާބު/ ހަވާ، ތ. ތިމަރަފުށި
މިއަދު ބެލި މައްސަލަ
- ހަސީނާ އަލީ/ އަސުރުމާގެ، ތ. ތިމަރަފުށި
އެ ހަތް މީހުން ވެސް ކޯޓުގައި އެދިފައި ވަނީ ވޯޓާސް ލިސްޓުގައި އެ މީހުންނަށް ތިމަރަފުށި ދާއިރާއަށް ވޯޓު ލެވޭ ގޮތަށް ވޯޓާސް ލިސްޓަށް ބަދަލު ގެންނަން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރު ކުރުމަށެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުން އިންތިހާބެއް ބޭއްވުމުގެ މަދުވެގެން 45 ދުވަސް ކުރިން ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމު ކުރަން ވާނެ އެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންނަށް ލިބިގެންވާ އިރު، ލިސްޓު އާންމު ކުރާތާ 10 ދުވަހުގެ ތެރޭގައި ލިސްޓާ މެދު ޝަކުވާ ހުށަހަޅަން ވާނެ އެވެ. އެ 10 ދުވަސް ނިމޭތާ ފަސް ދުވަހުގެ ތެރޭގައި އެ ޝަކުވާތައް ބަލައި އެ ޝަކުވާތަކާ މެދު އީސީއިން ގޮތެއް ނިންމަން ޖެހޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި އެ ޝަކުވާއެއް ނިންމި ގޮތާ މެދު ހިތްހަމަނުޖެހޭ ނަމަ، މައްސަލަ ނިންމިތާ ފަސް ދުވަހުގެ ތެރޭގައި އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު ޝަކުވާ ހުށަހެޅި ފަރާތައް ލިބިގެންވެ އެވެ. ހައިކޯޓަށް ހުށަހެޅޭ އިންތިހާބީ މައްސަލަތައް އެ މައްސަލަތައް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހައިކޯޓުން ނިންމަންވާނެ އެވެ.
އިއްޔެ ބެލި އިންތިހާބީ މައްސަލަތަކުގައި ހިމޭނޭ ހަ މީހުން ވެސް ކޯޓަށް މައްސަލަ ހުށަހެޅީ އެގޮތުގެ މަތިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، މިއަދު ކުރިއަށް ގެންދިޔަ މައްސަލާގައި، ދައުވާ ކުރާ ހަސީނާ އަލީ ކޯޓަށް ޝަކުވާ ހުށަހަޅާފައި ވަނީ އެގޮތުގެ މަތިން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ހަސީނާ ޝަކުވާ ހުށަހަޅާފައި ވަނީ މާޗް މަހުގެ 19 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުންވޯޓާސް ލިސްޓަށް އިދާރީ ޝަކުވާ ހުށަހަޅަން ހުޅުވާލައި ކުރި އިއުލާނާހަވާލާދީ އެވެ.
އެހެން ކަމުން، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހައިކޯޓުގައި ވަކާލާތުކޮށްފައި ވަނީ ހަސީނާގެ ފަރާތުން ޝަކުވާ ހުށަހަޅާފައި ވަނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ޖެހޭ މުއްދަތު ފަހަަނަ އަަޅައި ދިޔަ ފަހުން ކަމަށެވެ. އަދި ޝަކުވާ ހުށަހަޅަން ޖެހޭ ގޮތަށް ނޫން ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ ވަކީލު ރިއްފަތު އަބްދުﷲ ވިދާޅުވީ 19 މާޗްގައި ކުރި އިއުލާނަކީ އިދާރީ ޝަކުވާ ހުށަހަޅަން ކުރި އިއުލާނެއް ކަމަށާއި އެ އިއުލާނުގައި ހުޅުވާލީ ފައިނަލް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ނޫން ކަމަށެވެ. އަދި ހައިކޯޓުން ކަނޑަނާޅާހާ ހިނދަކު ފައިނަލް ވޯޓާސް ލިސްޓަށް ބަދަލު ގެނައުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ހަސީނާގެ ބަދަލުގައި މިއަދު ކޯޓުގައި ވަކާލާތު ކުރެއްވި ފަރާތުން ވިދާޅުވީ، 19 މާޗްގައި އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައި، އެ އިއުލާނަކީ އިދާރީ ޝަކުވާ ހުށަހަޅަން ހުޅުވާލި އިއުލާނެއް ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި ގާނޫނު އަސާސީ އިން ހުރިހާ ރައްޔިތުންނަށް ލިބިގެންވާ ވޯޓު ލުމުގެ ހައްގުން ހަސީނާ މަހުރޫމު ނުކޮށް ހަސީނާގެ ނަން ތިމަރަފުށީގެ ލިސްޓުގައި ހިމެނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ހަސީނާގެ ބަދަލުގައި ދިޔަ ފަރާތުން ވިދާޅުވީ، ހަސީނާގެ މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ އިސް ފަރާތްތަކާ މީގެ ކުރިން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ހައިކޯޓުން ކަނޑައަޅައިފި ނަމަ ވޯޓާސް ލިސްޓުގައި މައްސަލަ ހުށަހެޅި ހަތް މީހުންގެ ނަންވެސް ހިމެނިދާނެ ކަމަށާއި އެއީ އުނދަގޫވާނެ ކަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ އިސް ފަރާތްތަކުން ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ހަސީނާގެ މައްލައިގެ އަޑުއެހުން ނިންމާލުމާ އެކު ހައިކޯޓަށް މިހާތަނަށް ހުށަހެޅި ހަތް މައްސަލައިގެ އަޑުއެހުން ވަނީ ނިމިފަ އެވެ. ދެން އޮންނާނީ އެ މައްސަލަތަކުގައި ހުކުމް ކުރުމެވެ.
މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓަށް އިސްލާހު ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ހުށަހެޅި ޝަކުވާތައް އިސްލާހު ގެނެސް ފައިނަލް ވޯޓާސް ލިސްޓު އާންމު ކުރީ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 264442 މީހުން އެބަތިއްބެވެ. އިންތިހާބު ފަސްކުރަން ޖެހިއްޖެ ނަމަ ބޮޑުގެއްލުމެއް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު މިއަދު ވަނީ ވިދާޅުވެފަ އެވެ. އިންތިހާބު ލަސްކުރަން ޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށާއި އިންތިހާބު ލަސްކޮށްފި ނަމަ އިތުރަށް 20 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.