02 Apr 2019, 14:41
މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ބޯޑު މެންބަރުންނާއި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި މަސީ އިން ހިންގުމަށް ހަމަޖެހިފައިވާ ކޮންސްޓްރަކްޝަން ސައިޓުގެ ސަލާމަތާއި ރައްކާތެރިކަމުގެ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ.
މި ޕްރޮގްރާމް ހިންގުމަށް ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި މި ޕްރޮގްރާމް ހިންގުމުގައި ކުރިމަތިވާނެ ގޮންޖެހުންތައް ވެސް މަސީއިން ވަނީ ނައިބު ރައީސް އާ ހިއްސާކޮށްފަ އެވެ. އަދި ހުޅުމާލޭގައި ހެދުމަށް ހަމަޖެހިފައިވާ ކޮންވެންޝަން ސެންޓަރުގެ މައުލޫމާތު ވެސް މި ބައްދަލުވުމުގައި މަސީ އިން ވަނީ ނައިބު ރައީސް އާ ހިއްސާ ކޮށްފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނ،ީކޮންސްޓްރަކްޝަން ސައިޓުގައި ހުންނަންވާނެ ހެލްތް އެންޑް ސޭފްޓީ ކަންތައްތަކުގެ މައުލޫމާތު އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސީ އިން އިސްނަގާފައިވާތީ، އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެކަމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު އެރުވި އެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގައި ވަކި މީހަކު އިސްނަގަންދެން މަޑުނުކޮށް ކޮންމެ މީހަކު ވެސް އެފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.
އަދި އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ސުކޫލު ކުދިންނަށް މަސައްކަތް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގައިދިނުމަށް ވެސް ނައިބު ރައީސް ވަނީ މަސީގެ ފަރާތުން އެދިވަޑައިގެންނެވި އެވެ. އަދި ކޮންސްޓްރަކްޝަން ދާއިރާއިން ހުރި ފުރުސަތުތަކުގެ މަޢުލޫމާތު ޒުވާނުންނަށްދީ، ޒުވާނުން އެދާއިރާއަށް އަހުލުވެރިކުރުމަށް މަސައްކަތް ކުރުމަށް ވެސް ނައިބު ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.