ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓީއެފްޖީ ގުޅިގެން ބާއްވާ ބީއެމްއެލް ވާއު ކިޑްސް ރަން މިމަހު 27ގައި ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފި އެވެ.

މި ދުވުމަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވަމުން އަންނަ ދުވުމެކެވެ.

ދުވުމުގައި ބައިވެރިވެވޭ އުމުރުފުރާ ތަކަކީ:

- ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ އުމުރުފުރާ (މި އިމުރުފުރާގެ ކުދިން ދުވުމުގައި ބައިވެރިވާނީ ބެލެނިވެރިޔަކާ އެކު. ދުވަން ޖެހެނީ ދެ ކިލޯ މީޓަރަށް)

- ހަ އަހަރާއި އަށް އަހަރާ ދެމެދުގެ އުމުރުފުރާ (މި އިމުރުފުރާގެ ކުދިން ދުވުމުގައި ބައިވެރިވާނީ ބެލެނިވެރިޔަކާ އެކު. ދުވަން ޖެހެނީ ދެ ކިލޯ މީޓަރަށް)

- އަށް އަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާ (މި އިމުރުފުރާގެ ކުދިން ދުވުމުގައި ބައިވެރިވާނީ ބެލެނިވެރިޔަކާ އެކު. ދުވަން ޖެހެނީ ތިން ކިލޯ މީޓަރަށް)

މީގެ އިތުރުން މި އަހަރުގެ ދުވުމަށް 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ ވަނީ އިތުރުކޮށްފަ އެވެ. މި އުމުރުފުރާގެ ކުދިން ދުވަންޖެހޭނީ ހަތަރު ކިލޯ މީޓަރަށެވެ.

ދުވުމުގައި ބައިވެރިވުމުގެ ފީއަކީ 10 އަހަރާއި 13 އަހަރާ ދެމެދުގެ ކެޓަގަރީއަށް 199 ރުފިޔާ އެވެ. އަނެއް ތިން ކެޓަގަރީގައި ބައިވެރިވުމުގެ ފީއަކީ 299 ރުފިޔާ އެވެ. އެއީ ކުއްޖާ އާއި ބެލެނިވެރިޔާގެ ޓީޝާޓް އަދި ދުވުމުގައި ބައިވެރިވުމުންދޭ މެޑަލް އާއެކު އެވެ.

މި ދުވުމުގައި ކޮންމެ ކެޓަގަރީއަކުން ވެސް 250 ޖާގަ ދޫކުރަން ނިންމާފައިވާ އިރު ކުރިއަށް އޮތް ފަސް ވަރަކަށް ދުވަހުގެ ތެރޭގައި ދުވުމުގައި ރެޖިސްޓްރީ ކުރަން ހުޅުވާލާނެ އެވެ.

ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ކުދިންނަށް ބީއެމްއެލް އާއި އާކް ގުޅިގެން، ހަނގާކުރުން ހުއްޓުވުމަށް މުޖުތަމައު އިތުރަށް ހޭލުންތެރިކުރުމަށް ގައުމީ ފެންވަރުގައި ހިންގަންފަށާ 'ބީޓް ބުލީންގް' ޕްރޮގްރާމަށް ފަންޑް ރެއިޒްކުރުމުގެ ފުރުސަތު ވެސް ހުޅުވާލާނެ އެވެ. މި ރަން އަކީ ބީއެމްއެލްގެ ސީއެސްއާރުގެ ދަށުން ބާއްވާ ދުުވުމެކެވެ.