ވޮޝިންގޓަން (އޮކްޓޯބަރ 17) : އަފްޣާނިސްތާނަށް އަރައިގަތް އަރައި ގަތުމަކީ އެމެރިކާގެ ހަލާކު ކަމަށް އެމެރިކާގެ މަޝްހޫރު މަޖައްލާއެއް ކަމަށްވާ "ޓައިމް"އިން ސިފަކޮށްފިއެވެ. މިމަޖައްލާގެ އެންމެ ފަހުގެ ޢަދަދު ބުނާގޮތުން އަފްޣާން ހަނގުރާމައިގާ އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއް ޚަރަދުކޮށް އެމެރިކާގެ އެތަށްސަތޭކަ ސިފައިންނެއް މަރުވެ 10 އަހަރުގެ ހަނގުރާމައިގާ އެމެރިކާ ވަރުބަލިވެފަިއވާއިރު އަފްޣާން ހަނގުރާމައިން ޙާސިލްކުރެވުނު އެއްވެސް އެއްޗެއް އެމެރިކާއަށް ނެތްކަމުގައެވެ.

މި މަޖައްލާ ބުނާގޮތުން 2014 ވަނައަހަރު އެމެރިކާ އަފްޣާނިސްތާނުން ފައިބާއިރަށް ތާލިބާނުން އެޤައުމަށް އަލުން އަތްގަދަކުރާނެކަން އެމެރިކާއަށްވެސް އެނގެއެވެ. އަދި އަފްޣާން ހަނގުރާމައަށް 10 އަހަރުވީއިރު ތާލިބާނުން ތިބީ 2001 ގައި އަފްޣާނިސްތާނަށް އެމެރިކާ އަރައިގަތްއިރު އެޖަމާއަތް އޮތް ޙާލަތަށްވުރެ ބާރުގަދަ ޙާލަތެއްގައެވެ. އެހެންކަމުން އަފްޣާނިސްތާނުގައި 10 އަހަރު ފާއިތުވީއިރު ތާލިބާނުން ބަލިނުކުރެވުމަކީ އެމެރިކާގެ ނާޤާބިލްކަމާއި ނުކުޅެދުންތެރިކަން ހާމަވުމުގެ އިތުރުން އަފްޣާން ހަނގުރާމައަށް އެމެރިކާ ކުރި ހުރިހާ ޚަރަދުތަކެއް ބޭކާރުވެގެން ދިޔުން ކަމަށް ސިފަކޮށްފައިވެއެވެ.

މި މަޖައްލާ ބުނާގޮތުން އަފްޣާން ބިމަކީ އެމެރިކާފަދަ ބޮޑެތި އެންޕެއަރތައް ބަލިވެގެންގޮސްފައިވާ ތާރީޚީ ބިމެކެވެ. މިގޮތުން އިނގިރޭސި ކުރީގެ އެންޕެއަރ އާއި ކުރީގެ ސޮވިއެޓް ޔުނިޔަން އެންޕެއަރ އަފްޣާން ބިމުގައި ބަލިވެގެން ގޮސްފައިވާއިރު އަފްޣާން ބިމުގައި 10 އަހަރު ވީއިރު ބާރުގަދަ އެމެރިކާވެސްވަނީ ދެވަރުން އެއްވަރުވެފައި ކަމަށް ބުނެފައިވެއެވެ. އަދި 2014 ގައި އަފްޣާން ބިމުން ފޭބުމަށް އެމެރިކާ މަސައްކަތްކުރާއިރު އެމެރިކާއަށްދަނީ ދުނިޔޭގެ ބޮޑު ބާރުގެ މަޤާމް ގެއްލެމުން ކަމަށްވެސް މި މަޖައްލާ ބުނެފައިވެއެވެ. (ޓައިމް)