އަލްޖަޒާއިރު (މާޗް 2) : އަލްޖަޒާއިރުގެ ރައީސް އަބްދުލްއަޒީޒު ބޫތަފްލީގާގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އެގައުމުގެ ރިޔާސަތުން ބުނެފި އެވެ.

އަލްޖަޒާއިރު ގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޫތާފްލީގާގެ ރިޔާސީ ދައުރު ނިމޭނީ މި އެޕްރީލް މަހުގެ 28 ވަނަ ދުވަހު ކަމަށާއި އޭގެ ކުރީން އޭނާ މަގާމުން އިސްތިއުފާ ދެއްވާނެ ކަމުގަ އެވެ.

ބޫތާފްލީގާ މަގާމުން އިސްތިއުފާ ދެއްވަން މި ނިންމެވީ އޭނާ ވެރިކަމުގައި އިތުރަށް ހުންނެވުމަށް އެގައުމުގެ ސިފައިންގެ ތާއީދު ނެތުމުން ކަމަށް ރިޕޯޓް ތައް ބުނެ އެވެ. ބޫތާފްލީގާގެ ފަހަތުގައި ތިބެގެން އޭނާގެ ވެރިކަން ދަމަހައްޓަނީ އަލްޖަޒާއިރުގެ ސިފައިން ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް ބޫތާފްލީގާގެ އިސްތިއުފާއާ އަށް ގޮވާލައި ރައްޔިތުން ކުރަމުން ގެންދާ މުޒާހަރާތައް ދިގުލައިގެން ދިޔުމާއި އަދި ބޫތާފްލީގާގެ ސިއްޙީ ހާލުކޮޅު ބަލިކަމުން ސިފައިން ވެސް މިހާރު ބޭނުން ވަނީ ބޫތާފްލީގާގެ ވެރިކަން ނިމުމަކަށްކަން ވަނީ ހާމަވެފަ އެވެ.

މިކަން ހާމަވެފައި ވަނީ އަލްޖަޒާއިރުގެ ސިފައިންގެ ވެރިޔާ އަދި އެގައުމުގެ ހަގީގީ ބާރުވެރިޔާ ކަމަށް ސިފަކުރެވޭ ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް އަހުމަދު ގާޔިދު ސާލިޙް ދާދިފަހުން ދެއްވި ބަޔާނަކާ ގުޅިގެންނެވެ. އެބަޔާނުގައި ޖެނެރަލް ސާލިޙް ވަނީ ބޫތާފްލީގާއަށް ރައީސް ކަމުގެ މަގާމުގެ މަސްއޫލިއްޔަތު ނުއުފުއްލެއްވޭ ކަމަށް ކަނޑައަޅައި، އޭނާ މަގާމުން ދުރުކުރަން ތާއީދު ކުރައްވާކަން ހާމަކުރައްވާފަ އެވެ.

އަލްޖަޒާއިރުގެ ގާނޫނު އަސާސީގެ ސަތޭކަ ދެވަނަ މާއްދާގެ ދަށުން ބޫތާފްލީގާގެ ސިއްޙީ ހާލުކޮޅަށް ރިޢާޔަތް ކުރުމަށް ފަހު އޭނާއަކީ ރައީސްކަމުގެ މަގާމަށް މިހާރު އަހުލުވެރި ބޭފުޅެއް ނޫން ކަމަށް ކަނޑައަޅައި ގައުމުގެ ރައީސް ކަމުގެ މަގާމު ހުސްވެފައިވާ ކަމަށް ދުސްތޫރީ މަޖިލީހަށް ނިންމިދާނެ ކަމަށް ވެސް ޖެނެރަލް ސާލިޙް ވަނީ ވިދާޅުވެފަ އެވެ. ދުސްތޫރީ މަޖިލީހުން އެގޮތަށް ނިންމައި އަލްޖަޒާއިރުގެ ޕާލިމެންޓުގެ އަޣްލައްބިއްޔަތު އެނިންމުމަށް ލިބިއްޖެ ނަމަ ގައުމުގެ އިންތިގާލީ ރައީސް ކަމަށް ޕާލަމެންޓުގެ ރައީސް އިސްކޮށް އެއަށް ފަހު އިންތިޚާބެއް ބާއްވައިގެން އައު ރައީސަކު އިންތިޚާބު ކުރެވިދާނެކަމަށް ގާނޫނީ ތަޖްރިބާކާރުން ބުނެ އެވެ.

ޖެނެރަލް ސާލިހް ވަނީ މިކަމަށް ވެސް އިޝާރާތް ކުރައްވާފައެވެ. ބޫތާފްލީގާ އަލްޖަޒާއިރުގައި ވެރިކަން ކުރައްވަމުން ގެންދަވަނީ 1999 އިން ފެށިގެންނެވެ. (ނޫސްއެޖެންސީތައް)